ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހަޅަނީ
ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އެ ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަ ކުރެއްވިފައިވާ ކަމުގައެވެ.
ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަވަން ވާނެކަމަށް ސްޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ގެ 30 ވަނަ މާއްދާގެ (ހ) ގައި, ބަޔާންކުރައްވާފައިވެއެެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުއްވުމުގެ މަސައްކަތް އެ އޮފީހުން ކުރައްވަމުން ގެންދަވާ ކަމުގައެވެ.
އަދި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅުއްވޭނެ ކަމުގައެވެ.