ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގައި އެމްޑީޕީން ރިޔާސީ ޕްރައިމަރީއާ ދިމާއަށް މިސްރާބު ޖަހައިގެންނެއް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެެއެވެ.
ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ''އާސްކް ސްޕީކާ'' ހަވަނަ ޕްރޮގްރާމުގެ ބައިވެެެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ކަމުގައެވެ.
އަދި އެމްޑީޕީގެ ވަޢުދަށް ޢަދާލަތު ޕާޓީންނާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ތާއީދު ކުރެއްވިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ވެސް ނިންމަވާފައިިވާ ނަޝީދު އިތުރަށް ވިދާޅުވީ އެއީ ރައްޔިތުންނަށްވެފައި އޮޮތް އެންމެ ބޮޑު އެއް ވަޢުދު ކަމަށާއި ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓު ނުނަގައެއް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމުގައެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ބަލައިނުލައި އެއެއް މިއެއް ނުބަލައި ކަންކަން ކުރަމުން ގެންދެވިދާނެ. ނަމަވެސް މި ވަޢުދު ފުއްދުމަށްފަހު ނޫނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޕްރައިމަރީއަކާ ދިމާއަށް މިސްރާބުޖެހުމަކީ ރަނގަޅުކަމެއް ނޫން.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ. ނަމަވެސް އަދި ތާރީޚެއް އިިޢުލާނެއް ނުކުރެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް މިހާރު ވަނީ ނުރަސްމީކޮށް ކެމްޕެއިން ފައްޓަވައިފައެވެ.
ތެޅިތެޅި ހުންނަންޖެހޭނީ ކަލޯ! ކަލެޔައް ތިހިރީ ބޮޑުވަޒީރުކަން ކުރެވިފަ.