ޚަބަރު ސިޔާސީ

މަހާޒުގެ ފަރިއްކޮޅު މައްސަލައިގައި ޕީޕީއެމް-ޕީއެންސީން ކަންބޮޑުވަނީ ކީއްވެ؟: ނިހާދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު--

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ސަޢީދުގެ "ފަރިއްކޮޅު" ކަންތަކުގައި ޕީޕީއެމް/ޕީއެންސީ ކަންބޮޑުވަނީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ސުވާލު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހާޒުގެ މައްޗަށް ތުހުމަތުކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން އެކަން ދަނީ ބައްލަވަމުންނެވެ.

މަހާޒުގެ ސުލޫކީ މައްސަލަ ބައްލަވަނީ، މިހާރު ކްރިމިނަލް ކޯޓުގައި، ޙުކުމް އިއްވުމާ ހަމައަށް ގޮސްފައިވާ ވ.އާރަށް މައްސަލަ ބައްލަވާ ފަނޑިޔާރު ޝަކީލަށް ބިރު ދައްކައި، މައްސަލައިގެ ޙުކުމަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނިހާދު މިއަދު ވިދާޅުވީ މަހާޒުގެ ފަރިއްކޮޅު މައްސަލައިގައި އިދިކޮޅުން ކަންބޮޑުވެގެން އުޅޭއިރު، ޖޭއެސްސީއަށް މީހަކު ޝަކުވާއެއް ހުށަހަޅައިފިނަމަ، އެކަމެއް ބައްލަވާނެ ކަަމަށެވެ.

"ގުޅިގެން ކަމެއް ގޯސްކޮށް ކުރެވުނީތޯ؟ ގިނަ ރައްޔިތުން ސުވާލު ކުރާ ސުޕްރީމްކޯޓުގެ އިދާރީ ޙުކުމް ހަމަ ގޯސްދޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.

ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު މަހާޒުއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކީ ފަނޑިޔާރު މަހާޒު ހިމެނޭ ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމްކުރެއްވުމުން އެކަމުގެ އުފަލުގައި އެ މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ފަނޑިޔާރު މަހާޒު ހަވާލުވެވެވަޑައިގެން ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ ޝަކުވާ ކަމަށެވެ.

ޖޭއެސްސީން އިތުރަށް  ވިދާޅުވީ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެ ދުވަހު ފަރީއްކޮޅެއް އޮތް ކަމަށް އެންގުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދޭން ސުޕްރީމް ކޯޓުން ތަކުރާރުކޮށް އިއުތިރާޒު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މަހާޒު ވިދާޅުވަނީ ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކެއުމަކީ ހާއްސަކެއުމެއް ނޫންކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން، މައްސަލަ ކުރިޔަށް ގެންދިޔަ ދުވަސްތަކުގައި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖައްސަނީ ރިޔާސަތުން އެއް ފަނޑިޔާރު ކަމަށާއި، މިދިޔަ އަހަރުގެ ނޮވެމަބަރު 30 ގައި ރެސްޓޯރަންޓަކުން އޯޑަރުކޮށް ކެއުން ގެނައީ އެއީ ރެސަސްއަށް ދިއުމުގެ ކުރިން ފަނޑިޔާރުން އެއްތަނަކުން ދިމާވާނެ އެންމެ ފަހު ދުވަހަށް ވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!