ޖަރުމަނުގައި ވެސް ވާވޭ މަނާކުރަން މަސައްކަތް ކުރަނީ
ޖަރުމަނުގައި ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް މުޅިން މަނާނުކުރާނެ އެވެ. އެހެން ނަމަވެސް ވާވޭއާ މެދު ސަމާލުވާން ކަމެއް އޮތް ނަމަ އެކަމެއް ބަލާނެ ކަމަށް އެ ގައުމުން ބުނެއެވެ.
ޖަރުމަނުގެ އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައި އޮތް ކަރުދާހެއް ބުނާ ގޮތުން ވާވޭގެ މުވާސަލާތީ އުފެއްދުންތައް ޖަރުމަނުގައި ވިއްކަން އެދޭ ނަމަ ވާވޭއަށް އޮތް ގޮތަކީ އިތުރު ޝަރުތުތަކެއް ގަބޫލުކުރުމެވެ.
އޭގެ ތެރޭގައި ކުރެވޭ މުއާމަލާތްތަކުގެ ދެފުށް ފެނުމާއި އަދި އުފެއްދުންތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތުގެ ފުރިހަމަ ރިޕޯޓެއް ހުށަހެޅުން ހިމެނެ އެވެ.
ވާވޭ މަނާކުރަން އެމެރިކާ ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ޖަރުމަން އޮތީ އެމެރިކާ އެދޭ ގޮތަށް އަމަލުކުރާ ގޮތަކަށް ނޫނެވެ.
ޖަރުމަނުން ބުނާ ގޮތުން އެ ގައުމަށް އެތެރެކުރާ އުފެއްދުންތައް ވަކި ގައުމަކަށް ނުވަތަ ވަކި ކުންފުންޏަކަށް ނިސްބަތްވުމަކީ ތަފާތުކުރާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އޮޅުވާލުމާއި އުފެއްދުންތަކުގެ އަސްލު ބަދަލުކުރުމަކީ ގަބޫލުކުރާނެ ކަމެއް ވެސް ނޫނެވެ.
މުވާސަލާތީ އާލަތްތަކާ މެދު ވެސް އެއީ ވާވޭ ނުވަތަ އެހެން ކުންފުންޏަކުން އުފައްދާ އުފެއްދުމެއް ނަމަވެސް އަމަލުކުރުން އޮތީ އެއް ހަމައަކުން ކަމަށް ވެސް ޖަރުމަނުން ބުނެއެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ވާދަވެރިކަން މިހާރު އޮތީ ނުރައްކާ ފައްތަރެއްގަ އެވެ. ޗައިނާގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުމުގައި ޓެކްސް ބޮޑުކޮށް ހަރުކަށި އުސޫލުތަކުން ދަނީ އަމަލުކުރަމުންނެވެ.
އަނެއްކޮޅުން ވާވޭ އަދި ޒީޓީއީ ފަދަ ޗައިނާގެ އިލެކްޓްރޯނިކް ކުންފުނިތަކާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކުންފުނިތަކުންގެ އުފެއްދުންތައް އެމެރިކާ އާއި އެމެރިކާ ބުނާ އަޑުއަހާ ގައުމުތަކުގައި ވިއްކުން އަދި ބޭނުންކުރުން ވެސް އޮތީ މަނާކޮށްފައެވެ.
އެމެރިކާ ތުހުމަތުކުރާ ގޮތުގައި ވާވޭގެ މުވާސަލާތީ އާލާތްތައް އުފައްދާފައި ހުންނަނީ ޖާސޫސްކުރެވޭ ގޮތަށެވެ. އެ ގޮތުގައި އެ އުފެއްދުންތައް ޗައިނާގެ އަސްކަރިއްޔާއިން މޮނީޓަރުކޮށް އެ އުފެއްދުންތައް ބޭނުންކުރާ ގައުމެއްގައި ހިންގާ ކަންކަން ޗައިނާ ސަރުކާރުން ބަލައެވެ.