ދުނިޔެ

ޗައިނާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކުރިއަށްދާ މުޒާހަރާތައް ރާވާ ހިންގުމުގައި އިސްކޮށް އުޅޭ މީހުންނާއި މުޒާހަރާތަކުގައި ގަވައިދުން ބައިވެރިވާ މީހުން ހޯދާ ހައްޔަރުކުރަން ފަށައިފި އެވެ.

Ads by WAMCO

ޗައިނާގެ ސަލާމަތީ ބާރުތަކުން މިމަސައްކަތް ފެށީ ޗައިނާގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ, ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ ސަލާމަތީ އެންމެ މަތީ ގުނަނުން އެ ގައުމަށް ނުރައްކާތަކެއް ކުރިމަތިކުރުވާ ފަރާތްތައް ހޯދުމަށް ގޮވާލުމާ ގުޅިގެންނެވެ.

މިގޮވާލުމާ ގުޅިގެން ޗައިނާގައި މުޒާހަރާތައް ކުރިއަށް ގެންދާ ސިޓީތަކުގެ މަގުތަކަށް އިތުރު ފުލުހުން ވެސް މިހާރު ވަނީ ނެރެފަ އެވެ. އަދި ޖީޕީއެސް އާއި ފޯނުންދޭ ހިދުމަތްތައް މެދުވެރިކޮށް މުޒާހަރާގެ ބައިވެރީން ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އަލް ޖަޒީރާއަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި އެއްވެސް ހަމައެއް އުސޫލެއް ނެތި ޗައިނާގެ ފުލުހުން ގެންދަނީ އާންމުންގެ ފޯނުތައް ބަލައި، ފާސްކުރަމުންވެ. މި އޮޕަރޭޝަނުގައި ފުލުހުން ބަލަނީ އެ ގައުމުގައި މަނާކޮށްފައިވާ ޓެލެގްރާމް، ޓުވިޓާ ފަދަ އެޕްލިކޭޝަން ބޭނުންކުރާ މީހުންނެވެ. މީހުންގެ ފޯނުން ކޮށްފައިވާ ޓެކްސްޓު މެސެޖު ތަކުގައި "މުޒާހަރާ" ފަދަ ބަސްތައް ބޭނުންކޮށްފައިވޭތޯ ބަލަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޗައިނާގައި ކުރިއަށްދާ މުޒާހަރާތައް ފުޅާކޮށްފައި އޮތް މިންވަރު އަދި މުޒާހަރާތައް ވަރުގަދަ ކަމުން މިފަހަރުގެ ގޮވާލުންތަކުގެ އަޑު ޗައިނާގެ ހަރުކަށި ސަރުކާރަށް އިވި، އާންމުންގެ ގޮވާލުންތަކަށް އިޖާބަދޭ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އެގޮތުން ބައެއް ސަރަަހައްދުތައް ލޮކްޑައުން ކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ޗެންގްޑޫގައި އިމާރާތް ކުރަމުން ގެންދިޔަ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ވެސް ވަނީ ކުއްލިއަކަށް ހުއްޓާލާފަ އެވެ. އަދި ކޮވިޑަށް ޓެސްޓުކުރުމަށް ކުރިން އަމަލުކުރަމުން އައި ގޮތްތަކަށް ވެސް ލުއިތަކެއް ވަނީ ދީފަ އެވެ.

މުޒާހަރާގެ ހުޅުކޮޅު ފުރަތަމަ ރޯވީ ޗައިނާގެ ހުޅަނގުގައިވާ ޝިންޖޭންގެ ޕްރޮވިންސުގެ ވެރިރަށް އުރުމްޗީގެ އިމާރާތެއްގާ ރޯވި އަލިފާނުގެ ސަބަބުންނެވެ. މި ހާދިސާގައި 10 މީހުން މަރުވީ އެ އިމާރާތުގެ ކުރިމަތީގައި އެ ގައުމުގެ ސަރުކާރުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އަލިފާން ނިއްވުމަށް މަސައްކަތް ކުރި ފަރާތްތަކަށް އެތަނަށް ނުވަދެވި ލަސްވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!