ދީން

ދަރިފުޅުގެ ހިތްއަލި ކުރަން އެދޭނަމަ މިގޮތަށް ޢަމަލު ކުރައްވާ

އިބްރާހީމް ޙުސައިން

އެއްވެސް އިންސާނަކު އޭނާ ނޫން އެހެން މީހަކު މޮޅުވެ ކުރިއަރަން އެދޭނަމަ، އެމީހަކީ އެމީހެއްގެ އުފަން ދަރިންނެވެ. އެ ދަރިންނަކީ ތަޢުލީމީ ގޮތުންނާއި އަޚުލާޤީ ގޮތުން ޤާބިލު ބަޔަކަށް ހެދޭތޯ މައިންބަފައިން އެތައް ޤުރުބާނީތަކެއް ވެއެވެ. މިގޮތުން ދަރިންގެ ކިޔެވުމަށް ހުރަސް އެޅިދާނެ އެންމެހާ ކަމަކުން އެދަރިން ރައްކާތެރި ކުރުމަށް ހާއްޞަ ސަމާލުކަމެއް ދެއެވެ. ފޮތްފަންސޫރު ފަދަ ތަކެތި ހޯދައިދިނުމުން ފެށިގެން ބޮޑުއަގުގައި ޓިއުޝަންދޭ ތަންތަނަށް ފޮނުވުމަށް ދާންދެނެވެ. ކިޔެވުމާ މަތިކޮށް ދަރިން ކޮންމެ އެއްޗެއް ހޯދައިދޭން އެދުނު ކަމުގައިވީ ނަމަވެސް ބައްޕައާއި މަންމަ އެއްވެސް ފަސް ޖެހުމެއްނެތި އެއެއްޗެއް ހޯދައިދެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ޙާލެވެ. ދަރިންނަށް ޢިލްމު އުގަންނައިދޭން މިފަދަ ބޮޑު ޤުރުބާނީ ތަކެއް ވަމުންދާ ޙާލުގައި މައިންބަފައިންގެ ހިތުގައި އުފެދޭ ވަރަށް މުހިންމު ސުވާލެއް އޮވެއެވެ. އެއީ އަހަރެންގެ ދަރިފުޅު ހިތް އަލި ކުއްޖަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

ދަރިންގެ ހިތް އަލިކުރުމަށާއި ހިތުދަސް ކުރުމުގެ ބާރު ގަދަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައި ހެއްޔެވެ؟

ހިތް އަލި ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންނަމަ އެންމެ މުހިންމު ކަމަކީ ކުއްޖާގެ ހަށިގަނޑުގައި ހިތްލެއްވި ޚާލިޤުވަންތަ އިލާހަށް އުރެދެވޭ ކުދި ބޮޑު އެންމެހާ ފާފަތަކުން އެކުއްޖާ ދުރު ކުރުވުމެވެ.

އެއްދުވަހަކު އިމާމު ޝާފިޢީ އެކަލޭގެފާނުގެ އުސްތާޛު އިމާމު އަލް ވަކީޢުގެ އަރިހުގައި ހިތުދަސް ކުރުމުގެ ބާރު ދަށްވާތީ ޝަކުވާ ދެންނެވި ހިނދު އުސްތާޛު ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށް ދެއްވާފައި ވެއެވެ.

އިމާމު ޝާފިޢީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ހިތުދަސްކުރުމުގެ ބާރު ދަށްކަމާއި މެދުގައި ވަކީޢުގެ އަރިހުގައި ޝަކުވާ ކުރީމެވެ. އެހިނދު ކުށްފާފަތައް ދޫކޮށްލުމަށް އިރުޝާދު ދެއްވިއެވެ. އަދި ވިދާޅުވިއެވެ. "ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲ ތަޢާލާ އެނޫރު ޙާސިލު ކުރާނެ މަގެއް ނުދައްކަވާނެތެވެ.

އެހެންކަމުން ތިމާގެ ދަރިން ހިތްއަލި ކުދިންނަށް ހަދަން ބޭނުންނަމަ ފާފަތަކުން އެދަރިން ދުރުކުރުވާށެވެ. އެކަން ކުރުމަށް އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މަންމައާއި ބައްޕައަކީ ﷲ އެންގެވި ގޮތަށް އުޅޭ ދެމަފިރިންކަމުގައި ވާށެވެ. ދަރީންނަށް ނަމޫނާ ދައްކާށެވެ.

ހިތުދަސް ކުރުމުގެ ބާރުގަދަކޮށް ދަރިފުޅުގެ ހިތް އަލިކޮށްދޭން އެދޭނަމަ އެކުދިން ލައްވާ ތަކެތި ހިތުދަސްކުރުވާ، އެކުދިންގެ ނަފުސު ހިތުދަސް ކުރުމަށް ހާނުވާށެވެ. ޚާއްސަކޮށް ޅަޢުމުރުގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްދޭން މަސައްކަތް ކުރާށެވެ. އެހެނީ އެކުއްޖާގެ ޢުމުރުގެ ފުރަތަމަ ފަސްއަހަރުގެ ތެރޭގައި ދަސްކުރާ ތަކެތި ހިލައެއްގައި އެއްޗެއް ކަނޑާ ނެގުމުން ހުންނަ ގޮތަށް ހިތުގައި ހަރުލާފައި ހުންނަ ކަމަށް ތަރުބަވީ މާހިރުން ވިދާޅުވެއެވެ. އެއީ އެޢުމުރުގައި އެކުދިންގެ ސިކުނޑި ހުންނާނީ ފިޠުރަތުގެ ސާދާ ކަންމަތީގައި ކަމުގައި ވާތީއެވެ. މިސަބަބާއި ހުރެ ޅަ ޢުމުރުފުރާގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްދިނުމަށް މުސްލިމުންގެ އިސްވެ ގޮސްފައިވާ ޒަމާންތަކުގެ މުރައްބީން ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. އެއީ ބައެއް ކުދިންނަކީ ފިޠުރީގޮތުން ހިތުދަސް ކުރުމުގެ ބާރުގަދަ ކުދިންނަށްވާއިރު އަނެއްބައި ކުދިންނަކީ އެބާރު ދަށްކުދިންނެވެ. މިފަރަޤު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުދިންނަށް ކާންދޭ ނާސްތާގައި ވިސްނުމާއި ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދިނުމަށް އެހީތެރިވެދޭ ތަކެތި ހިމަނާށެވެ. ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާ ކުރަނިވި ޠަބީޢީ ކާނާ ހިމަނާށެވެ. އެފަދަ ބައެއް ބާވަތްތަކުގެ ތެރޭގައި ހިކި މޭބިސްކަދުރު ހިމެނެއެވެ.

ޠަބީޢީ ޢިލްމުގެ ދަންނަ ބޭކަލެއް ކަމުގައިވާ އަލްއިމާމް އައްޒުހުރީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ޙަދީޘް ހިތުދަސްކުރަން ބޭނުން މީހަކު ޒަބީބު (ހިކި މޭބިސްކަދުރު) ކާށެވެ."

ހަމައެހެންމެ އިނގުރަކީ ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދޭ އެއްޗެއްކަމުގައި އިމާމް އިބުނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ވެސް މާމުއި ، ކަދުރު ، ކަޅުދިރި ފަދަ ތަކެތި ބޭނުން ކުރެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!