ކޮރަޕްޝަންގެ މައްސަލައިގައި ސަރުކާރު ވަނީ ފިތިފައިކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާމެދު ރުހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ދައްކަވަނީ ހުސް ވާހަކަފުޅެއް ކަމަށެވެ. އަދި މި ދައުރުގައި ހިންގި ވެންޓިލޭޓަރު ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަަށްވީ ކިހިނެއްތޯއާއި އެއިން މައްސަލައެއްގައި ޖިނާޢީ ދަޢުވާއެއް އުފުލާފައިނުވަނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގެއްލުުނު ފައިސާ އަނބުރާ ނުހޯދުނީ ކީއްވެތޯ ވެސް ސުވާލު ކުރައްވައިފައެވެ.
ސަރުކާރުގައި ހިންގަމުންދާ ކޮރަޕްޝަންތަކަށް ފިޔަވަޅު ނާޅައި އެފަދަ މީހުންނަށް ހިމާޔަތްދެމުން ކޮރަޕްޝަން މަދުކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދޭނީ ރައްޔިތުން ބަދުނާމު ކުރަން. ކޮރަޕްޝަންގެ މައްސަލައިގައި ސަރުކާރުވަނީ ފިތިފައި. ކޮމްޕްރޮމައިޒްވެފައި.
ރައީސް ޞާލިޙް އިއްޔެ ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށް ރުހިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް އިރުޝާދު ދެއްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ޞާލިޙް ވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.