ލައިފްސްޓައިލް

ގުޅުން ހިންގާ އިރު ތަދު ވަނީތަ؟ ވެޖިނިސްމަސް ކަމަށް ވެދާނެ

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

އަނބިފިރިކަމުގެ ގުޅުމަކީ ދެމަފިރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެކަން ކުރަންވާ ގޮތަށް ކޮށްފިނަމަ ދެމަފިރިންނަށްވެސް އަރާމު އިހުސާސް ވާނޭ ކަމެކެވެ. އަދި ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް ދެމީހުންގެ ދެމެދުގައިވާ ލޯބި އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަކީ މި އަރާމާއި އުފަލުން މަހުރޫމު ވެފައިވާ ބައެކެވެ. ނޫނިއްޔާ ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި މިކަހަލަ ކަމަކާއި ކުރިމަތި ވެފައިވާ ބައެކެވެ. މީގެ ފަހަތުގައި އެތައް ސަބަބެއް ވެއެވެ. މިކަމުގައި ފިރިހެނެއް ވެސް އަދި އަންހެނެއްވެސް އިސްތިސްނާއެއް ނުވެއެވެ. ދެޖިންސުގެ މީހުންނަށްވެސް މިކަހަލަ މައްސަލަތައް ދިމާވެއެވެ. ނަމަވެސް މިވާހަކައިގެ ގޮތުން ގިނައީ ހަނުހުރެގެން އެވޭން ތަހައްމަލް ކުރަމުންދާ މީހުންނެވެ.

Ads by MWSC

އަނބިފިރިކަމުގެ ގުޅުން ހިންގުމުގެ ތެރޭގައި ތަދު އިހުސާސް ކުރެވުން މިއީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް މިއީކީ ނޯމަލް ކަމެއް ނޫނެވެ. ޖިންސީ ގުޅުން ހިންގާއިރު ތަދު ވެއްޖެނަމަ އެއީ ކޮންމެސް ކަމެއް ގޯސް ވާ ކަމުގެ ނިޝާނެކެވެ. މިއީ ހަށިގަނޑުން ފޮނުވާ މެސެޖެއްެގެ ގޮތުގައި ބަލާށެވެ. އެހެންވީމާ އެ މެސެޖު ބަލައިގަނެ އެއީ އަލާމާތެއްކަން ދެނެގަނެ ހަށިގަނޑަށް އިހުތިރާމް ކުރާށެވެ. ތަދު އިހުސާސް ކުރެވޭ ނަމަ އެކަމެއް ކުރުން ހުއްޓާލަން ވާނެއެވެ. އަދި ލަސްނުކޮށް ސިއްހީ ލަފައާ އިރުޝާދު ހޯދަން ވާނެއެވެ.

ވެޖިނިސްމަސް އަކީ ކޮބާ؟

ގުޅުން ހިންގުމުގެ ތެރޭގައި އިހުސާސް ކުރެވޭ ތަދުގެ ފަހަތުގައި އެތައް ސަބަބުތަކެއް ހުރެދާނެއެވެ. މީގެ ތެރެއިން އެއް ސަބަބަކީ ވެޖިނިސްމަސް ކިޔާ ބައްޔެކެވެ. މި ބަލީގައި ވާ ގޮތަކީ އަންހެން މީހާގެ ވެޖައިނާގެ ތެރެއަށް އެއްޗެއް ވައްދަން އުޅެފިނަމަ ތަދު އިހުސާސް ކުރެވުން ނުވަތަ ތަދުވުމުގެ އިތުރުން އެއެއްޗެއް ވެއްދުމުގައި ނާކާމިޔާބު ވުމެވެ. މިސާލަކަށް މައްސަރު ދުވަސްވަރު ބޭނުން ކުރާ ޓެމްޕަން، ޕެޕް ސްމިއާ ކިޔާ ޓެސްޓެއް ހަދާއިރު ބޭނުންކުރާ ސްޕެކިއުލަމް، އަދި ގުޅުން ހިންގާ އިރު ފިރިހެން މީހާގެ ޖިންސީ ގުނަވަން ނުވަތަ އިނގިލިވެސް ހިމެނެއެވެ. ތަދުވާ ސަބަބަކީ ޕެލްވިކް ފްލޯގަ ހުންނަ މަސްތައް އަމިއްލަ އިޚްތިޔާރެއް ނެތި ބާރުވާ ބާރުވުމެވެ. އެހެން ވުމުގެ ސަބަބުން ހުޅުވެން ޖެހޭ ވަރަށް ވެޖައިނާއަށް ހުޅުވުމުގެ ފުރުސަތެއް ނުލިބެއެވެ. އަދި ނަތީޖާއަކީ އެއްވެސް އެއްޗެއް ވެޖައިނާއަށް ނުވެއްދުން ނުވަތަ ވައްދާ އިރުގައި ވަރަށް ބޮޑަށް ތަދު އިހުސާސް ވުމެވެ.

ޕެލްވިކް ފްލޯރ މަސްތަކަކީ ކޮބާ؟

ދަށްބަނޑުގެ ތެރޭގައިވާ ގުނަވަންތަކަށް ބާރުދީ ހިފަހައްޓައިދޭ މަސްތަކަށް ކިޔަނީ ޕެލްވިކް ފްލޯރ މަސްތަކެވެ. މި މަސްތަކަކަކީ ކުޑަ ކަމުދިޔުމާއި ބޮޑު ކަމު ދިޔުމާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ވަރަށް މުހިންމު މަސްތަކެކެވެ. ވެޖިނިސްމަސް ގެ މައްސަލަ ދިމާވަނީ އެ މަސްތައް ބާރުވުމުގެ ސަބަބުންނެވެ. އެ މަސްތަކުގައި މައްސަލަ އުފެދުމުގެ ސަބަބުން އެހެން ބައިވަރު ބަލިތައްވެސް ދިމާވެދާނެއެވެ. މިސާލަކަށް ބޮޑުކަމުދިޔުމުގައި މައްސަލަ ދިމާވުން، ކުޑަކަމުދާ ތަކެތި ނުހިފެހެއްޓުން، ފުރަގަސް ފަރާތުން އެއްވެސް ކޮންޓްރޯލެއް ނެތި ވައި ބޭރުވުން ފަދަ އެތައް ކަމެކެވެ.

ޕެލްވިކް ފްލޯރ ގެ މަސްތައް ވަރުގަދަ ކުރުމަށްޓަކައި ހެދިދާނެ ކަސްރަތުވެސް ހުރެއެވެ. މިކަހަލަ މައްސަލަތަކަށް އެހީ ހޯދުމަށްޓަކައި ޕެލްވިކް ފްލޯރ ސްޕެޝަލިސްޓުންވެސް ބޭރު ގައުމުތަކުގައި ތިބެއެވެ. ޕެލްވިކް ފްލޯރ މަސްތަކުގެ ދުޅަހެޔޮކަމަކީ  އަހަރެމެންގެ ސިއްހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.

ވެޖިނިސްމަސް ދިމާވަނީ ކީއްވެ؟

  • ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަ
  • ރޭޕް ނުވަތަ ޖިންސީ އަނިޔާއެއް ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި ދިމާވެފައި ވުން
  • ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުން
  • ވެޖައިނަލް އިނފެކްޝަން މިސާލަކަށް ޔީސްޓް އިންފެކްޝަން ޖެހުން
  • އެންޑޯމީޓްރިއޯސިސް ނުވަތަ އެހެން ސިއްހީ މައްސަލަތައް
  • ބަނޑުބޮޑު ވެދާނެ ކަމުގެ ބިރު ހީވުން
  • ގުޅުން ހިންގުމާއި މެދު ބިރު ގަތުން ނުވަތަ ކޮންމެސް ސަބަބަކާއި ހުރެ ބިރު ގަތުން މިސާލަކަށް ތަދު ވެދާނެތީ ނުވަތަ ފިރިމީހާއަށް އިތުބާރު ނުކުރެވޭތީ ނުވަތަ ރައްކާތެރި ކަމުގެ އިހުސާސް ނުކުރެވޭތީ
  • އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އާންމުކޮށް ހަދާ ޓެސްޓެއްގެ ތެރެއިން ތަދު އިހުސާސް ވެފައިވުން
  • ވެޖިނިސްމަސް އަކީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެކެވެ. ގުޅުން ހިންގާފައި ހުރި މީހަކު ނުވަތަ ދުވަހަކުވެސް ޖިންސީ ގުޅުން ނުހިންގާ މީހަކަށްވެސް މިކަންތައް ދިމާވެދާނެއެވެ. ބައެއް މީހުންނަށް މިކަން ދިމާވަނީ ވަކި ހާލަތްތަކެއްގައި ކަމަށް ވެފަ އެހެން ހާލަތްތަކުގައި ދިމާނުވެދާނެއެވެ. މިސާލަކަށް މައްސަރު ދުވަސްވަރު ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޓެމްޕަން ބޭނުންކުރާ އިރުގައި ތަދު އިހުސާސްވެ ޓެމްޕަން ބޭނުން ނުކުރެވި ހިނަގައިދާނެއެވެ. ނަމަވެސް ފރިމީހާއާއި އެކު ޖިންސީ ގުޅުން ހިންގާ އިރު މައްސަލައެއް ިމާނުވެދާނެއެވެ. ނޫނީ މީގެ އިދިކޮޅުވެސް ދިމާވެދާނެއެވެ.

ފަރުވާ

އެންމެ މުހިންމު ކަމަކީ އަމިއްލަ ހަށިގަނޑުގެ ބައިތަކާ އެބައިތަކުގެ ބޭނުމާއި ހަށިގަނޑު މަސައްކަތް ކުރާ ގޮތް ރަނގަޅަށް މައުލޫމާތު ހޯދާ އޮޅުންފިލުވާ ދަސްކުރުމެވެ. ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ ޖިންސީ ގުނަވަނަށް ކިޔާ ރަނގަޅު ނަންތަކާއި ޖިންސީ ގުނަވަންތަކުގެ ބައިތައް ރަނގަޅާކަށް ނޭނގެއެވެ. މީގެ ނަތީޖާއަކީ އެކި ކަންކަމާއި ބިރު ގަތުމަށް ފުރުސަތު ހުޅުވިފައި އޮތުމެވެ. އަދި މައްސަލައެއް ދިމާވުމުން އެހީ ހޯދާ ހަދަންވީ ގޮތް ރަނގަޅަށް އޮޅުންފިލާފަިއ ނެތުމެވެ.

ގުޅުން ހިންގާއިރުގައި ތަދު އިހުސާސް ކުރެވޭ ނަމަ އެންމެ ފުރަތަމަ ކަމަކީ އެކަމެއް ނުކުރުމެވެ. މިހެން ބުނަންޖެހޭ ސަބަބަކީ ތަދުވާ އިރުވެސް އެތަށް އަންހެނުންނެއް އެކި ސަބަބުތަކާއި ހުރެ ގުޅުން ހިންގަމުންދާތީއެވެ. މިސާލަކަށް ފިރިމީހާގެ ހައްގެއް ކަމުގައި ހީކޮށް ނޫނެކޭ ބުނުމުގެ ހައްގު ލިބިފައި ނެތް ކަމުގައި ހީވުމެވެ. ނަމަވެސް ތަދު ވާނަމަ، އެއީ ބައްޔެއްގެ ސަބަބުން ވާ ކަމެއް ކަމުގައި ވާއިރު، އެމީހެއްގެ ޒިންމާއަކީ އަވަހަށް އެމައްސަލަ ދެނެގަނެ އެމައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރުމެވެ. ތަދު އިހުސާސް ކުރެވޭ އިރުގައިވެސް ޖިންސީ ގުޅުން ހިންގަމުންދާނަމަ ޖިންސީ ގުނަވަނަށް އިތުރު ގެއްލުންތައް ލިބި މައްސަލަ ގޯސްވެ އާ މައްސަލަތަކަށް ހުށަހެޅިގެންދާނެއެވެ. އަމިއްލަ ހަށިގަނޑު ނުރައްކަލާއި ހަލާކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް އިސްލާމީ ޒިންމާއެކެވެ.

ވެޖިނިސްމަސްއާއި ބެހޭ ގޮތުން ދިރާސާ ކޮށް މައުލޫމާތު އޮޅުންފިލުވާށެވެ. ޔޫޓިއުބް އަދި ގޫގުލް މެދުވެރިކޮށް މައުލޫމާތު ހޯދޭނެއެވެ.

ޑޮކްޓަރަކަށް ދެއްކުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ބައެއް މީހުންނަށް ޖިންސީ މައްސަލަތަކާއި ބެހޭ ގޮތުން ޑޮކްޓަރަކަށް ކިޔައިދިނުމަކީ ވަރަށް އުނދަގު ކަމެކެވެ. ސަބަބަކީ އެއީ ކޮންމެ މީހެއްގެވެސް ވަރަށް ޒާތީ ކަމެއް ކަމުގައި ވާތީއެވެ. އަދި އަނބިފިރިކަމުގެ ގުޅުމަކީ އެއްވެސް އިތުރު މީހަކާއި ހިއްސާ ކުރާ ކަހަލަ ކަމެއް ނޫންވީމައެވެ. ލަދު ގަނެ ފަސްޖެހޭނެއެވެ. ނަމަވެސް ބައްޔެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުގައި މައްސަލަ ދިމާވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އަދި ކިތަންމެ އުނދަގޫ ވިޔަސް، ޑޮކްޓަރަކާ ހިއްސާ ކުރުމުން ނޫނީ ތަދު އިހުސާސްވާ ސަބަބު ދެނެގަނެ ޔަގީނެއް ނުކުރެވޭނެއެވެ. ޔަގީން ނުކޮށް އަމިއްލައަށް ގޭގައި ފަރުވާ ހޯދަން މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ތަދު އިހުސާސް ކުރެވެނީ ވެޖިނިސްމަސްއާއި ހެދިތޯ ނުވަތަ އެހެން ސަބަބަކާއި ހެދިތޯ ޔަގީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޑރ. ޝަޒްމާ އަބްދުﷲ އަކީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ދިމާވާ ތަދު ފަދަ ކަންކަމަށް ހާއްސަ ޑޮކްޓަރެކެވެ. އެޑްވާންސް ކްލިނިކްއިން އެޑޮކްޓަރުގެ ޚިދުމަތް ލިބޭނެއެވެ.(އެޑްވާންސް ކްލިނިކަށް ގުޅޭނޭ ނަންބަރު: 3007788)

ވެޖިނިސްމަސްކަން ޑޮކްޓަރެއްގެ ލަފައާއި އެކު ޔަގީން ކުރުމަށްފަހު ފަރުވާ ހޯދާނޭ ގޮތަކާއި މެދު ޑޮކްޓަރާއި އެކު މަޝްވަރާ ކުރެވިދާނެއެވެ. ޕެލްވިކް ފލޯ ތެރަޕީ އަކީ ޕެލްވިކް ފލޯގެ މަސްތަކަށް ހާއްސަ ކަސްރަތުތަކެއް ހަދާ ތެރަޕީއެކެވެ. ކައުންސިލިންގް ނުވަތަ ސައިކޯތެރަޕީއިންވެސް މިކަމަށް ހައްލު ލިބިދާނެއެވެ. އެއީ ވެޖިނިސްމަސް ދިމާވަނީ މީހާ ގަންނަ ކޮންމެސް ބިރެއްގެ ސަބަބުން ނުވަތަ ދިމާވެފައިވާ ޖިންސީ އަނިޔާއަކުން ކަމުގައި ވަނީ ނަމަ އެކަމެއް ދެނެގަނެ ސައިކޮލޮޖިސްޓެއްގެ އެހީގައި އެކަމަކުން އަރައިގަނެވިދާނެއެވެ. މީގެ އިތުރުން ފުންކޮށް ނޭވާ ލުން އެކުލެވޭ ކަސްރަތުތަކެއްވެސް ހަށިގަނޑާއި ޕެލްވިކް ފްލޯރގެ މަސްތައް ހަމަޖެހުމަށް އެހީއަކަށް ބޭނުން ކުރުމަށް ލަފާ ދީފާނެއެވެ. ސިއްހީ ކަމެއްގެ ސަބަބުން މިސާލަކަށް އިންފެކްޝަނެއް ނުވަތަ ރޭޕް ފަދަ ކަމެއްގެ ސަބަބުން ޖިންސީ ގުނަވަނަށް އަނިޔާއެއް ލިބިފައިވާ ނަމަ އެކަމެއް ހައްލު ކުރުމަށްޓަކައި ޑޮކްޓަރު ބޭސް ދީފާނެއެވެ.

ޑައިލޭޓަރ ނުވަތަ ވެޖައިނަލް ޓްރެއިނާރ އަކީ ފިރިހެން މީހާގެ ޖިންސީ ގުނަވަނާ އެއް ބައްޓަމަކަށް ހަދާފައިވާ ޕްލާސްޓިކް ނުވަތަ ސިލިކޯންއިން ހަދާފައިވާ އެއްޗެއްސެވެ. މިކަހަލަ ޑައިލޭޓާރ ހުންނާނީ އެކި ސައިޒުގެ އެއްޗެހިން އެކުލެވިފައިވާ ސެޓެއްގައެވެ. މިގޮތުން ފުރަތަމަ ބޭނުންކުރަން ޖެހޭނީ ިއިނގިއްޔެއްގެ ވަށަމިން އިންނަހާ ބޮޑު ޑައިލޭޓާރއެކެވެ. ދެން ޑޮކްޓަރުގެ ނުވަތަ ޕެލްވިކް ފްލޯ ތެރަޕިސްޓެއްގެ ލަފައާ އެއްގޮތަށް އެ ޑައިލޭޓާ ބޭނުން ކުރުމަށްފަހު ދެން ބޮޑެއްޗަށް ހުރި ސައިޒުތައް ބޭނުންކޮށްގެން ހަށިގަނޑު ހާނުވާނީއެވެ. އެގޮތަށް އެންމެ ބޮޑު ޑައިލޭޓާރ ބޭނުން ކުރުމަށްފަހު ތަދު ނުވާ ކަމުގައި ވާ ނަމަ ދަސްކޮށްފައިވާ އުކުޅުތައް މިސާލަކަށް ނޭވާ ލުުމުގެ ކަސްރަތު ބޭނުން ކޮށްގެން ފިރިމީހާއާއި އެކު ގުޅުން ހިންގޭތޯ މަސައްކަތް ކުރެވިދާނެއެވެ. މިއީވެސް މިބައްޔައް ފަރުވާ ކުރާ އެއް ގޮތެވެ.

މިއީ އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމެއް

ވަރަށް ގިނަ ފަހަރު އަހަރެމެންގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ހަޑި ހުތުރު ކަމަކަށް ވެފައިވާތީ ބައެއް މީހުން މީހުންނާއި އިންނައިރުވެސް އެހާ ގިނަ މައުލޫމާތާއި އިރުޝާދެއް ނުލިބެއެވެ. އެހެންވުމުގެ ސަބަބުން މީހަކާއި އިނދެގެން ގުޅުން ހިންގާ އިރު ތަދު އިހުސާސް ކުރެވުން ފަދަ މައްސަލައެް ދިމާވުމުން މީހުންނަކަށް އެހީއަށް އެދޭނީ ކިހިނެތް ކަމެއް ނޭނގެއެވެ. ނުވަތަ އެހީއަށޤ އެދިގެން ނުވާނޭ ކަމަށް އިހުސާސް ކުރެވެއެވެ. ބައެއް މީހުންނަށް އަމިއްލަ ފިރިމީހާ ކައިރީގައި ތިމަންނައަށް އެބަ ތަދުވޭ ބުނަންވެސް ނުކެރެއެވެ. ކިތަންމެ ތަދުވިޔަސް މިކަން ކުރަން ޖެހޭނޭ ގަބޫލު ކުރާ މީހުން އެބަ އުޅެއެވެ. އަދި އެހީއަށް އެދެފިނަމަ އެމީހަކުގެ ފަާރާތުން މާބޮދޫ ސަމާލުކަމެއް ނުވަތަ ލޯތްބާއި އަޅާލުމެެްއް ނުލިބެއެވެ. ބައެއް މީހުންނަށް ޑޮކްޓަރުގެ ކައިރިންވެސް ލިބެނީ ހަމަ މިފަދަ ރެސްޕޮންސެކެވެ. އަންހެނުންނަށް ތަދުވާނެއެވެ. ޕެނެޑޯލް ގުޅައެއް ކާލާށެވެ. ނޫނީ ކެތްކޮށްލާށެވެ. ނޫނީ އަޅާނުލާށެވެ. ނޫނީ އެއްވެސް ވަރަކަށް އެކަމަށް އެއްޗެކޭ ނުބުނެ އެހެން އަލާމާތްތަކަށް ސަމާލުކަން ދޭ ފަހަރާ ދިމާވެއެވެ. އެމީހަކު އަމިއްލަ އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވިދާނެއެވެ. އަދި އަހަރެންނަކީ ފުރިހަމަ އަންހެނެއް ނޫނޭ ވެސް ހީވެދާނެއެވެ.

މިހުރިހާ ކަމަކާއި ހުރެ ވަރަށް ގިނަ މީހުންނަށް ހީވަނީ މިއީ ހަމައެކަނި އެމީހާ ތަހައްމަލް ކުރަމުންދާ ވޭނެއް ކަމުގައެވެ. އެހެން އެންމެންގެ ކައިވެނީގައި މިކަހަލަ ކަންތައްތައް ނުވާ ކަމުގައެވެ. ނަމަވެސް ހަގީގަތަކީ މިކަހަލަ މައްސަލަތަކުގެ ވޭން ތަހައްމަލް ކުރަމުންދާ ވަރަށް ގިނަ މީހުން ދުނިޔޭގައި އަދި އަހަރެމެންގެ މުޖުތަމައުގައިވެސް އުޅޭ ކަމެވެ.

މިހެން މިކަންތައް ވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅު އެބަ ހުއްޓެވެ. ކައިވެނި ކުރުމުގެ ކުރިން އަމިއްލަ ހަށިގަނޑާއި ބެހޭ ގޮތުން ދަސްކޮށް ގުޅުން ހިންގާއިރު ބައޮލޮޖިކަލް ނަޒަރަކުން ވަނީ ކިހިނެތްތޯ ހޯދާ ބެލުން ވަރަށް މުހިންމެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ޑޮކްޓަރަކަށް ދައްކާ އިންނަން އުޅޭ ދެމީހުންވެސް އެސްޓީޑީ ޓެސްޓް ހެދުމަކީވެސް ބުއްދިވެރި ކަމެކެވެ.

ލޯބިވާ މީހަކަށް މިކަހަލަ ކަމެއް ދިމާވެގެން އުޅޭ ނަމަ އެހީ ވެދޭނީ ކިހިނެތް؟

ނަފްސާނީ ގޮތުން އެމައްސަލަ ދިމާވެގެން އުޅޭ މީހާ ހުރީ ވަރަށް ދެރަ ހާލަތެއްގައި ކަން ދަނެގެން އެމީހަކަށް ލޯތްބާއި އަޅާލުމާއި ހިތްވަރު ދޭންވާނެއެވެ. ޑޮކްަޓަރަކަށް ދެއްކުމަށް ހިތްވަރު ދޭންވާނެއެވެ. އެމީހާއާއި އެކު ޑޮކްޓަރަށް ގޮސްދޭން މީހަކު ބޭނުންވާނަމަ އެބަހުރިކަން އެމީހާ ގާތު ބުނާށެވެ. އެމީހާގެ އިހުސާސްތައް އަދި ވާހަކަތައް ހިއްސާ ކުރާއިރު އަޑު އަހާ ފަރާތަކަށް ވާންވާނެއެވެ. ރައްކާތެރި އެހީތެރި މާހައުލެއް އޭނާއަށް ފޯޜުކޮށްދީ ދިރާސާ ކުރުން ކަހަލަ ކަންކަމަށް އެހީ ވެދެން ވާނެއެވެ. އަދި އެގޮތަށް އެވޭން ތަހައްމަލް ކުރަނީ އޭނާ އެކަނި ނޫން ކަމުގައި ބުނެދޭން ވާނެއެވެ.

މިކަންތައް ތަހައްމަލް ކުރަމުންދާ އަންހެނެއްގެ ފިރިމީހާ ހަދާނީ ކިހިނެތް؟

ކެތްތެރިކަން އިސްކުރުން ވަރަށް މުހިންމެވެ. އަދި އަނބިމީހާގެ އިހުސާސްތަކަށް އިހުތިރާމް ކުރުން ވަރަށް މުހިންމެވެ. އޯކޭ ވާނޭ ނޫނީ ފިރިމީހާގެ ހައްގެކޭ ކިޔާފައި ތަދުވާއިރުވެސް ގުޅުން ހިންގުމަކީ އަނބިމީހާއަށް އަނިޔާވެރި ވުމެވެ. އޭގެ ސަބަބުން އަނބިމީހާއަށް އިތުރު ގެއްލުން ތަކެއް ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ދިމާވެދާނެއެވެ. ދެމީހުން ރީތިގޮތުގަ ވާހަކަ ދައްކައިގެން އެކުގައި މި މައްސަލައިން އަރައިގަންނަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. މިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ބާއްވާށެވެ. އަދި އަނބިމީހާގެ އިހުސާސްތަކާއި އޭނާގެ ހިތުގައިވާ އެއްޗެހި ބޭރު ކުރާއިރު ލޯބިން އަޑު އަހާށެވެ. އަދި ގުޅުން ނުހިންގުނު ކަމުގައި ވީ ނަމަވެސް އޭނާ ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަ ކަމުގައި ބުނާށެވެ. އަދި މިކަމުން އަރައިގަނެވޭނޭ ކަމުގެ އުއްމީދު އަނބިމީހާއަށްވެސް ދޭށެވެ.

ތިމާއަށްވެސް ޖިންސީ މައްސަލައެއް ދިމާވެދާނެ ކަމުގައި ހަނދާން ބަހައްޓާށެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ތިމާއަށް އަނބިމީހާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބިއްޖެނަމަ ތިމާގެ ހިތްދަތި ވާނެވަރު ހިޔާލަށް ގެނެސްލާށެވެ. އެހެންވީމާ އަނބިމީހާއަށްވެސް ތިމާ ބޭނުންވާނޭ ފަދަ ލޯތްބާއި އޯގާތެރިކަން ފޯރުކޮށްދޭށެވެ.

ނިންމުން

ވެޖިނިސްމަސް އަދި އެނޫންވެސް މައްސަލައަކާއި ހުރެ ޖިންސީ ގުޅުން ނުހިންގުނު ކަމުގައި ވީނަމަވެސް ޖިންސީ އުފާ ހާސިލް ކުރެވޭނޭ އެތައް ބައިވަރު ހަލާލު ގޮތްތައް ހުރެއެވެ. އެހެންވީމާ ޖިންސީ މައްސަލަ ހައްލުވާން ނަގާ ދުވަސްތަކުގެ ތެރޭގައިވެސް އެކަކު އަނެކަކު އުފަލުަގައި ބަހައްޓައިދެވޭތޯ ދެމަފިރިންވެސް ބަލަންވާނެއެވެ. އުނގެނެންޖެހޭ މައުލޫމާތާއި އަޅަންޖެހޭ ފިޔަވަޅުތަކެއް ވާނަމަ އެކަންކަން ދެމީހުން އެކުގައި އެކަތިގަނޑަކަށް ވެގެން ކުރާށެވެ. އެކަކުވެސް އަނެކަކު އެކަނިވެރި އިހުސާސް ވިޔަ ނުދޭށެވެ. މިކަހަލަ ކަމަކުން އަރައިގަނެވިއްޖެނަމަ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ ދެމީހުންގެ ހިތުގައި ދެމީހުންނަށް އޮންނަ ލޯބި، ގަދަރު އަދި އިތުބާރު ބޮޑު ވާނެއެވެ. އަދި އުއްމީދު ކަނޑާނުލާށެވެ. އިންޝާﷲ މިކަމުން އަރައިގަނެވޭނެއެވެ.

Ads by Ooredoo
  1. ިސިވާ

    ރަނގަޅު ބޭނުންތެރި ލިޔުމެއް.

  2. އައި

    ވވވރަގަޅު ލިޔުމެއް

  3. ބަރާބަރު