ދުނިޔެ

ޗައިނާއާއި އިންޑިޔާއާ ދެމެދު ޙަމަލާ ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިމާލަޔާ ފަރުބަދަމަތީ ސަރަޙައްދުގައި ޗައިނާއާއި އިންޑިޔާ ގުޅޭ ސަރަޙައްދީ އިން ކައިރީގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކޮށްފިއެވެ. މިއީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިނގާފައިވާ މި ފަދަ ފުރަތަމަ ހާދިސާއެވެ. މި ހާދިސާގައި ދެ ފަރާތުގެ ސިފައިންނަށް ވެސް އެކިވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމުގައި އިންޑިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ.

Ads by Sosun Fihaara

ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކޮށްފައި ވަނީ އިންޑިޔާގެ އިރުއިތުރުގައި އޮންނަ އަރޫނާޗަލް ޕްރަދޭޝްގެ ސަރަޙައްދީ އިން ކައިރީގައެވެ. ހަމަލާތައް ބަދަލުކޮށްފައި ވަނީ ސަރަޙައްދީ އިން ބަލަހައްޓާ ސިފައިންގެ މެދުގައެވެ. ޗައިނާގެ ދެކުނުން އޮންނަ މި ސަރަޙައްދަކީ އާބާދުވެފައިވާ ސަރަޙައްދެއް ނޫނެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގުގެ ދިގުމިން 3,379 ކިލޯމީޓަރަށް އަރައެވެ. އަދި، ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މި ޚިޔާލު ތަފާތުވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، 2020ވަނަ އަހަރުގެ ޖޫން މަހު ހިނގި ހާދިސާއެއްގައި އިންޑިޔާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. މި ހާދިސާގައި ދެ ޤައުމުގެ ސިފައިން ވަނީ ގަޔަށް އަތްލައި، ތަޅައިފޮޅާފައެވެ.

މި ކަމާ ގުޅޭ ގޮތުން އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންހް ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، ޗައިނާގެ އަސްކަރިއްޔާއިން އިންޑިޔާގެ ސަރަޙައްދަށް ވަދެ، ހަރަކާތްތައް ހިންގަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

"ޗައިނާ ސިފައިން ދަނީ އިންޑިޔާއަށް އެތެރެވަމުން. އެ މީހުން ހުއްޓުވަން ޖެހެނީ ގަދަބާރުން،" ރާޖުނާތު ވިދާޅުވިއެވެ. ހިމާލަޔާ ސަރަޙައްދުގައި އެންމެ ފަހުން ހިނގާފައިވާ ހަމަލާ ބަދަލުކުރުންތައް ހުއްޓައިލުމަށް، ސަރަޙައްދީ އިން ބަލަހައްޓާ ދެ ޤައުމުގެ ކޮމާންޑަރުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ޚާރިޖީ ގޮތުން މި މައްސަލައަށް ހައްލެއް ހޯދަން ވެސް މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސަރަޙައްދީ އިން ކައިރީގައި ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަން ޗައިނާގެ ޚާރިޖީ ވުޒާރާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ ސަރަޙައްދީ ރޮނގު ކައިރީގެ ކަންކަން އޮތީ އަމާންކޮށް ކަމަށާއި، ދެ ޤައުމުގެ ސިފައިންގެ މެދުގައި ސުލްޙަވެރިކަމާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!