ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހިންގަވަމުން ގެންދަވާ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖު މަޝްރޫޢުއަކީ ރޯމާ ދުވާލު ހިންގާ ބޮޑު ވައްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ކެރޭނެއް ބިންދައިގެން ގޮސް ކަނޑަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ވައިރަލްވެފައެވެ. އާންމުވި ވީޑިއޯއާއެކު ގިނަ ބަޔަކު ދަނީ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮން ކުންފުނީގެ ޤާބިލުކަމާމެދުގައި ސުވާލު އުފައްދަމުންނެވެ.
އާންމުވި ވީޑިއޯއާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށެވެ. އެހެން ަމަވެސް ރައްޔިތުންގެ އަތުން ކުރި ޚަރަދާއި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމުގެ ނަމުގައި ސަރުކާރުން ހިންގަމުންދަނީ ބޮޑު ވައްކަމެއް ކަމަށެވެ.
ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ. ބްރިޖް މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ޤާއިމްކުރާނެއެވެ.