ދުނިޔެ

ޗައިނާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވީ ފިޔަވަޅުތައް އުވާލުމުން ނޫން: ޑަބްލިއުއެޗްއޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ކޭސްތައް ޗައިނާގައި ފެތުރެމުން ދަނީ ސަރުކާރުން ގެންގުޅޭ ހަރުކަށި "ޒީރޯ-ކޮވިޑް" ސިޔާސަތު ދޫކޮށްލަން ނިންމުމުގެ މާ ކުރިން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރަކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު މައިކް ރަޔަން މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ދެ ވަނައަށް ބޮޑު އިގްތިސާދުގައި ވެކްސިން ދިނުން އިތުރުކުރަން ޖެހޭ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ފިޔަވަޅުތައް އުވާލުމުގެ މާ ކުރިން ގައުމުގައި ވައިރަސް ފެތުރެމުން ދިޔައީ "ވަރަށް ބޮޑަށް" ކަމަށެވެ. އަދި ޗައިނާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ކުއްލިއަކަށް ބަލި ކޮންޓްރޯލުން ނެއްޓިފައިވާ ކަމުގެ ވާހަކައެއް މިވަގުތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގެންގުޅުއްވި "ޒީރޯ-ކޮވިޑް" ސިޔާސަތުތައް އުވާލެއްވީ ބޮޑެތި މުޒާހަރާތަކެއް އެ ޤައުމުގައި ކުރަން ފެށުމުންނެވެ.

ކުއްލިއަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު، ޗައިނާގައި ފްލޫ ކްލިނިކަށް ދައްކާ ފަރާތްތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑަބްލިއުއެޗްއޯއިން އެންމެ ފަހުން ނެރުނު ކޮވިޑް ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާއިން ޖެހިޖެހިގެން ހަތަރު ހަފުތާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!