ޒިޔަދަމްގެ މަރު: ދަޢުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ

މީގެ ހަތް އަހަރު ކުރިން ލ.މުންޑޫ ނޫވިލު ޢަލީ ޒިޔަދަމް މަރައިލި މައްސަލައިގައި ދަޢުވާ ލިބޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅުއްވައިފިއެވެ.
2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެރޭ މުންޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރައިލި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލީ މުންޑޫ ބީޗުވިލާ ޢަލީ ސިފާމް (29 އ) އާއި އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫން (24 އ) ގެ މައްޗަށެވެ.
މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ޒިޔަދަމް މަރައިލީ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިސްމާޢީލް ޝަފީޢު ވިދާޅުވީ ދައުލަތުން ހުށަހެޅުއްވި ހެކިތަކުން ސިފާމްއާއި ޝަނޫންގެ މައްޗަށް މަރުގެ ދަޢުވާ ސާބިތުވާ ކަމަށެވެ.
ގަސްދުގައި މީހަކު މެރި މައްސަލައަކަށްވާތީ އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށްފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ވާރިސުން ހާޒިރުވެފައިނުވާތީ ގާޒީ ޝަފީޢު އެކަމަށް ފަސް ދުވަސް ދެއްވިއެވެ.
ގާޒީ ވިދާޅުވީ ޝަނޫންގެ މައްޗަށް އުފުލާފައިވާ ބިރު ދެއްކުމުގެ ދަޢުވާއާއި މާރާމާރީގެ ދަޢުވާ ވެސް ސާބިތުވާ ކަމަށެވެ. އެހެންވެ އެ ޙުކުމް ވެސް ދެން އޮންނަ އަޑުއެހުމެއްގައި އިއްވަވާނެ ކަމަށެވެ.