ޕްރައިމަރީގައި ރައީސް ނަޝީދާ ދެކޮޅަށް ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރާނެ: އިންތި
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކުލަބު ހައުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެންމެ ފަހުން ބޭއްވި ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވެސް ފެނުނީ ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓް ހޮވަން ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރި މަންޒަރު ކަމަށެވެ. އަދި އެ އިންތިޚާބަށްފަހު ޕާޓީގެ ޤައުމީ މަޖިލީހުން 39,000 މެންބަރުން އެއްފަހަރާ ޕާޓީގެ މެންބަރުން ނޫން ގޮތުގަ ކަނޑައަޅައިފި ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެއީ ޕްރައިމަރީއަށް ނުފޫޒު ފޯރުވަން ދުރާލައި ރާވައިގެން ކުރާ ކަންކަމަށާއި ޕާޓީގެ މެންބަރުން ނޫން ގޮތުގަ ކަނޑައެޅި މެންބަރުންނަކީ ރައީސް ނަޝީދަށް ވޯޓުދޭނެކަމަށް ބެލެވޭ މެންބަރުން ކަމަށެވެ.
އިންތި ވިދާޅުވީ ޕްރައިމަރީގައި ރައީސް ނަޝީދާ ދެކޮޅަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީ ބާއްވަން ތާވަލުކޮށްފައިވަނީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވައިލާފައެވެ.
ޕްރައިމަރީއަށް ކުރިމަތިލައްވާނެކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ރަސްމީކޮށް ހާމަކުރައްވައިފައެވެ. ދެން ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.