މުސްއަބަށް 1.1 މިލިއަން ރުފިޔާ ދިނުން ފަސްކުރުމަށް އަމުރުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓު ސެކޭޓްރީއަކަށް ހުންނަވަނިކޮށް މުއްސަބު އަބްދުﷲ މަގާމުން ވަކި ކުރި މައްސަލައިގައި ބަދަލެއްގެ ގޮތުގައި ދިނުމަށް ހައިކޯޓުން ކަނޑައެޅި ފައިސާ ދިނުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރެވުނީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ 29 މެއި 2019ގައެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އޭނާއަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ނިމެންދެން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ ކޯޓުން ގޮތެއް ނުނިންމަނީސް ހުކުމް ތަންފީޒުކޮށްފި ނަމަ އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންވެ މައްސަލަ ނިމެންދެން ހައިކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން އެންގީ ކަމަށެވެ.