ޗައިނާގެ ހޮސްޕިޓަލްތައް ފުރެނީ
ކޮވިޑް-19 ގެ އާ ރާޅެއް އެ ގައުމަށް އަތުވެދާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ޗައިނާގެ ހޮސްޕިޓަލްތައް ފުރިގެންދާ ތަން ފެންނަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ އޮފިޝަލް މައިކަލް ރަޔަން ބީބީސީއަށް ވިދާޅުވީ އައިސީޔޫގެ އޮފިޝަލުން އަދަދުތައް "ނިސްބަތުން މަދު" ކަމަށް ބުނި ނަމަވެސް އައިސީޔޫ އޮތީ ބިޒީކޮށް ކަމަށެވެ.
ޗައިނާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު ކޮވިޑުގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް، މި ބަލީގެ ހަގީގީ އަސަރާ މެދު ޝައްކު އުފެދެއެވެ.
ފާއިތުވި ދުވަސްތަކުގައި ޗައިނާގެ ވެރިރަށް ބެއިޖިންއާއި އެހެނިހެން ސިޓީތަކުގެ ހޮސްޕިޓަލްތައް ދަނީ ފުރަމުންނެވެ.
2020 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން ސިއްހީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ހަރުކަށި ކޮންޓްރޯލްތަކާ ދެކޮޅަށް ކުރި މުޒާހަރާތަކަށް ފަހު މީގެ ދެ ހަފުތާ ކުރިން ސަރުކާރުން ވަނީ އެ ގިނަ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައެވެ.
އޭގެ ފަހުން ކޭސްތައް އިތުރުވެ، ހާއްސަކޮށް ނުރައްކަލަށް ހުށަހެޅިފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި މަރުވާ މީހުންގެ ނިސްބަތް މަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި އަދަދު އިތުރުވި ނަމަވެސް ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުވަހު ކޮވިޑުގައި މަރުވެފައިވަނީ އެންމެ ހަތް މީހުންނެވެ.
މިކަމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޗީފް ޑރ ރަޔަން ވަނީ ވައިރަސް އެންމެ ފަހުން ފެތުރެމުންދާ ގޮތުގެ އިތުރު މައުލޫމާތު ދިނުމަށް ޗައިނާއަށް ގޮވާލައްވާފައެވެ.