އަނިޔާވެރިކަމަށް ގޮވާލާ މައްސަލަތައް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނަން: ސީޕީ

އަނިޔާވެރިކަމަށް ގޮވާލާ މައްސަލަތައް ފުލުހުން ސީިރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޙަމީދު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން އައްބާސް އާދިލް ކިޔާ ޓްވިޓަރ ހޭންޑަލްއަކުން ގޮވާލި މައްސަލަ ހޫނުވެފައިވަނިކޮށެވެ.
ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީސް މީޑިއާގައި ހަސަދަވެރިކަން ފެތުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިކަމާގުޅިގެން އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ އައްބާސްގެ ވާހަކަތައް ކުށްވެރި ކުރައްވައި، އެއީ ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން، މި ސަރުކާރަކީ ޓެރަރިޒަމަށް ޒީރޯ ޓޮލެރެންސް ގެންގުޅޭ ސަރުކާރެއްކަން ފާހަގަ ކުރައްވައި މާރިޔާ ވަނީ، އެ ސިޔާސަތު ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.