ދުނިޔެ

ޗައިނާގައި ގިނަ އަަދަދެއްގެ މުސްކުޅިންނަށް ކޮވިޑް-19 ޖެހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހި، ހޮސްޕިޓަލްތައް ފުރެން ފަށައިފިއެވެ.

Ads by WAMCO

ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފަށާފައި ވަނީ، އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ޑިސެންބަރު 7ވަނަ ދުވަހުން ފެށިގެން ލުއިދޭން ފެށުމާ ގުޅިގެންނެވެ. އެންމެ ހަލުވިކޮށް ބަލި ފެތުރެމުން ދަނީ ވެރިރަށް ބެއިޖިންގްގެ އިތުރުން އާބާދީ ބޮޑު އެހެން ރަށްތަކުގައެވެ.

ޗައިނާގެ ރަށެއް ކަމުގައިވާ ޗޮންކިންގްގައި ހުންނަ ހޮސްޕިޓަލަކުން ބުނީ، އެ ތަނުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ ތެރެއިން 80އާއި 90 އިންސައްތައާ ދެމެދު އަދަދެއްގެ ބަލި މީހުންނަކީ ކޮވިޑަށް ފަރުވާ ކުރަމުންދާ އުމުރުން ދުވަސްވީ މީހުން ކަމުގައެވެ. މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގެ ވޯޑުތައް ފުރި، ހޮސްޕިޓަލުގެ އެހެން ސަރަޙައްދުތަކުގައި ވެސް ބަލި މީހުންނަށް ފަރުވާދެމުންދާ ކަމުގައި އެ ތަނުން ބުނެއެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ މީހުން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ. އަދި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ކުރަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ، އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ބޮޑު ބަޔެއް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގެ ހޮސްޕިޓަލުތަކުން ވެސް ފެންނަމުން ދަނީ މި ފަދަ މަންޒަރުތަކެކެވެ. ވޯޑްތައް ހުރި ހޮސްޕިޓަކުގެ ކޮރިޑޯތަކުގައި ވެސް ސްޓްރެޗަރތަކުގައި ބާއްވައިގެން ބަލި މީހުންނަށް ފަރުވާދެމުންދާ މަންޒަރެވެ. އެ ރަށުގައި ވެސް ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ގިނަ މީހުން ނޭވާލަމުން ދަނީ އޮކްސިޖަންގެ އެހީތެރިކަމާ އެކުގައެވެ.

މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ޗައިނާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޗައިނާއިން އެ އަދަދުތައް ހާމަ ކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ޗައިނާއިން ދާދި ފަހުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި، މި ބަލީގައި މަރުވާ މީހުންގެ ގޮތުގައި މިހާރު ބަލަމުން ދަނީ، ބަލި ޖެހި ނޭވާލާ ނިޒާމު ފޭލުވާ މީހުން އެކަންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!