ޚަބަރު ސަރުކާރު

މަޝްރޫޢުތައް ކުރިޔަށް ގެންދަން ބޭނުމީ ރައްޔިތުންގެ ޚިޔާލާއެކު: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށް ގެންދަން ބޭނުންވަނީ ރަށު ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހުގައިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙް މިހެން ވިދާޅުވީީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މާމެންދުއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މާމެންދޫ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށް ގެންދަން ބޭނުންވަނީ ކައުންސިލުތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަމުގައެވެ.

ބައްދަލުވުމުގައި މާމެންދޫ ކައުންސިލުން ވަނީ އެ ރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް ޞާލިޙާ ހިއްސާ ކުރައްވައިފައެވެ.

އެ ގޮތުން ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ޖެހިފައިވާކަމާއި,
ކައުންސިލް ޢިމާރާތް ބާވެފައިވުމުން އައު ޢިމާރާތެއް ބޭނުންވާކަމާއި, މާމެންދޫގެ އިޙްތިޞާޞްގައި ހުޅިމެންދޫ ހިމަނައިދެއްވުމަށް އެދޭކަމާއި, ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެދޭކަމާއި, މާމެންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށާއި, ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށާއި, ސްކޫލަށް ބޭނުންވާ ކަންކަމާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި, ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިލެއްވިއެވެ.

އ.ތ.މ. ކޮމިޓީން ވަނީ އަންހެނުންނަށް ޚާއްސަ ޖިމްއެއް ބޭނުންވާ ކަމަށާއި އޮފީސް ޢިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ޞާލިޙް ވަނީ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެ ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!