ބެއިރޫތުގެ ހާދިސާ އާ ގުޅިގެން ލުބުނާނުގެ މުޅި ސަރުކާރު އިސްތިއުފާ ދެނީ

ބެއިރޫތުގެ ހާދިސާ އާ ގުޅިގެން ލުބުނާނުގެ މުޅި ސަރުކާރު އިސްތިއުފާ ދޭން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި މިރޭ ބާއްވާ ޕްރެސްއެއްގައި އެގައުމުގެ ބޮޑު ވަޒީރާއި ހުރިހާ ކެބިނެޓު މެންބަރުން އިސްތިއުފާ ދެއްވާނެއެވެ.
އެގައުމުގެ ބޮޑު ވަޒީރު ހަސަން ދިއާބް މިރޭ ނޫސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ މިނިސްޓަރަކު އެމްޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ބޮޑު ވަޒީރު މިރޭ އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތުައި ބާރުގަދަ އެއްޗެއް ގޮވައި ހިނގި ހާދިސާ އާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވެފައިވާއިރު އެގައުމުގެ ޖަސްޓިސް މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ބެއިރޫތުގައި ގޮވައި ހިނގި ހާދިސާގެ ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް ލުބުނާނުގެ ރައީސް މިޗެލް އައުން ވަނީ ދެކޮޅު ހަދާފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ބެއިރޫތު ހާދިސާ ގައި މިހާތަނަށް 163 މީހުން މަރުވެ ހަ ހާހަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.