ދުނިޔެ

ބައިރޫތުގެ ގޮވުންތަކާ ގުޅިގެން 16 މީހުން ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ނުރައްކާތެރި ގޮވުންތަކާ ގުޅިގެން 16 މީހުން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އޮގަސްޓު ހަތަރުވަނަ ދުވަހު ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 157 މީހުން މަރުވެ، 5،000 މީހުންވަނީ ޒަޚަމްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނުގައި ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި، ބާރުގަދަ ކެމިކަލެއްކަމަށްވާ އެމޮނިއަމް ނައިޓުރޭޓު ގެ 2750 ޓަނު ރައްކާކޮށްފައި ހުރިކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ބައިރޫތުގައި ނުރައްކާތެރި ޙާދިޘާއެއް ހިނގަން މެދުވެރިވީ ގުދަނުގައި ރައްކާކޮށްފައިހުރި އެމޮނިއަމް ނައިޓުރޭޓުގައި ހުޅުހިފުމުންނެވެ. ބާރުގަދަ ގޮވުންތައް ގޮވާފައިވަނީ ފަރުވާކުޑަކުރުމާއި އަޅައިނުލުމުގެ ސަބަބުންކަމަށް އެ ޙާދިޘާގެ އިބުތިދާޢީ ތަހުޤީޤުތަކުން ވަނީ ހާމަވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރީ 2014ވަނަ އަހަރުއެވެ.

އެ ޙާދިޘާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 16 މީހުންގެ ތެރޭގައި ބައިރޫތުގެ ބަނދަރުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނެއެވެ.

ލުބުނާނުގެ ދައުލަތުގެ ނޫސް އިދާރާ އެންއެންއޭއިން ބުނީ ބަނދަރުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ކަސްޓަމުގެ 18އަށްވުރެ ގިނަ މުވައްޒަފުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ. ބަނދަރުގެ މެނޭޖަރު ހަސަން ކޮރައިތަމާއި ލުބުނާނުގެ ކަސްޓަމުގެ ވެރިޔާ ހިމެނޭގޮތަށް ހަތް މީހުންގެ ބެންކު އެކައުންޓުތައް ހިފަހައްޓާފައިވާ ކަމަށްވެސް ލުބުނާނުގެ ބައެއް ނޫސްތަކުން ބުނެއެވެ. އަދި ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރިކަމަށް ތުހުމަތުކުރެވިފައިވާ ބަނދަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވަނީ ގޭބަންދުކޮށްފައެވެ.

ޙާދިޘާއާ ގުޅޭ މަޢުލޫމާތު އެނގޭ ރަސްމީ މަސްދަރަކުން ބުނެފައިވަނީ ގުދަނުގައި ނުރައްކާތެރި މާއްދާއެއް ރައްކާކޮށްފައިވާކަން ސަރުކާރަށް އެނގޭކަމަށެވެ. ނަމަވެސް ގިނަ އަހަރުތައް ފާއިތުވިނަމަވެސް ރައްކާތެރިކަމާއެކު އެ ސާމާނު ގުދަންކުރުމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާ ބުންޏެވެ.

ލުބުނާނުގެ ބޮޑުވަޒީރު ޙަސަން ދިޔާބުގެ އިތުރުން ރައީސް އައުންވަނީ އެ ޙާދިޘާ ހިނގި ގޮތް ފުރިހަމައަށް ތަހުޤީޤުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!