ދުނިޔެ

ޗައިނާގެ އެންމެ ޕްރޮވިންސެއްގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިޔަނަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޝަންހާއީ ކައިރީގައި އޮންނަ ބޮޑު އިންޑަސްޓްރިއަލް ޕްރޮވިންސެއް ކަމަށްވާ ޗައިނާގެ ޒޭޖިއާންގްގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ދެ ގުނަ އިތުރުވާނެ ކަމަށް އެ ޕްރޮވިންސް ސަރުކާރުން ބުނެފި އެވެ.

Ads by WAMCO

ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އާދީއްތަ ދުވަހު ބުނެފައިވަނީ، މުޅި ގައުމުގައި ރެކޯޑް އަދަދަކަށް ކޭސްތައް އިތުރުވެފައިވީ ނަމަވެސް ފާއިތުވި ފަސް ދުވަހު ޗައިނާއިން ކޮވިޑް ޖެހިގެން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންއިން ކޮވިޑް-19 އާ ދެކޮޅަށް އެކުލަވާލާފައިވާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ރައްޔިތުންނާއި ތަޖުރިބާކާރުން ވަނީ މިހާރަށްވުރެ ސައްހަ ޑޭޓާއަށް ގޮވާލާފައެވެ.

ނޭޝަނަލް ހެލްތް ކޮމިޝަނުން ބަލީގެ އަލާމާތްތައް ނުފެންނަ ކޭސްތައް ރިޕޯޓްކުރުން ހުއްޓާލުމާ އެކު، ކޭސްތައް ޓްރެކް ކުރަން ދަތިވެ، ޗައިނާގެ ގައުމީ ތަފާސް ހިސާބުތައް ވަނީ ފުރިހަމަ ނުވެފައެވެ. އާދީއްތަ ދުވަހު އެ ކޮމިޝަނުން ވަނީ ޗައިނާ ސީޑީސީން އޭރު ޝާއިއުކުރި ޑެއިލީ އަދަދުތައް ރިޕޯޓް ކުރުން ހުއްޓާލައިފައެވެ.

ޒެޖިއާންގް އަކީ ބަލީގެ އަލާމާތްތައް ނުފެންނަ ކޭސްތައް ހިމެނޭ ގޮތަށް ބަލި ފެތުރޭ މިންވަރު ދާދި ފަހުން އަންދާޒާކުރި މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.

"އިންފެކްޝަން ޕީކް މީގެ ކުރިން ޒޭޖިއާންގްއަށް އަންނާނެ ކަމަށް ލަފާކުރެވޭ އިރު، އާ އަހަރާ ދިމާކޮށް، އެ މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ދެ މިލިއަނަށް އަރާނެ،" ޒޭޖިއާންގް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

65.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޒޭޖިއާންގް އިން ބުނީ އެ ޕްރޮވިންސްގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ 13،583 މީހުންގެ ތެރެއިން 242 ހާލު ގޯސް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!