ރާއްޖެ އެތެރެކުރި އެއްކިލޯގެ ޑްރަގް އަތުލައިގެންފި

ޕޯސްޓްގެ ޒަރީޢާއިން ރާއްޖެ އެތެރެކުރި އެއްކިލޯއަށްވުރެ ގިނަ ޑްރަގްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ވިދާޅުވީ އެ ތަކެތި އަތުލައިގަތީ މިދިޔަ ނޮވެމްބަރު 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައި ފާސްކުރުމުގެތެރޭގައި ކަމުގައެވެ.
އެ ތަކެތި ފެނިފައިވަނީ ބެލްޖިއަމްއިން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރެއިން ކަމަށާއި އެ ޕެކޭޖުގެ ތެރެއިން ޑްރަގްސް ހުރި ދެ ޕެކެޓު ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު ޑްރަގްގެ ބާވަތެއްކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 1.10 ކިލޯ ގްރާމް ހުރިކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ފަސްލައްކަ ރުފިޔާއަށް އަރައެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު ތަކެތި ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ.