އެމްޑީޕީގެ ޕްރައިމަރީ ލަސްކުރަން ރައީސް ނަޝީދުގެ ޓީމުން ގޮވާލައިފި
2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކު ނެގުމަށް އެމްޑީޕީން މިއަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ޕްރައިމަރީ، ދަފްތަރުގައި ހުރި މައްސަލަތައް ހައްލު ކުރެވެންދެން ލަސްކުރަން، ޕްރައިމަރީގައި ވާދަ ކުރައްވާ، އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދުގެ ކެންޕެއިން ޓީމުން ގޮވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ކެންޕެއިން ޓީމުގެ ފަރާތުން، ކުރީގެ ؛އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، ޕްރައަރީއެއް އަވަސް އަރުވައިލައިގެން ބާއްވަން ޖެހޭ ހާލަތެއް އައިސްފައިނެތް ކަމަށެވެ. އަދި ޕްރައިމަރީ ބޭއްވުމުގެ ބަދަލުގައި އެމްޑީޕީގެ ދަފްތަރުގެ މައްސަލަ ހައްލު ކުރަން ހަސަން ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ ޓީމުން ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ 39،000 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އަދި އެކަންކޮށްފައިވަނީ ރައީސް ނަޝީދަށް މި އިންތިޚާބުގައި ތާއީދު ކުޑަ ކުރުމަށެވެ.
"ޙަޤީޤަތުގައި އެމްޑީޕީން މިވަގުތު ކުރަންވީ މަސައްކަތަކީ ޕްރަމަރީ ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި، އެމްޑީޕީން ވަކިކޮށްފައި އޮތް 39.000 މެންބަރުންގެ ޙައްޤުތައް ހޯދައިދެވޭނެ ކަހަލަ ގޮތަކަށް މަސައްކަތްކޮށް، އެ މަސައްކަތް ނިންމުމުގެ ކުރިން ޕްރައިމަރީ މަޑު ޖައްސާލުން" ހަސަން ވިދާޅުވިއެވެ.
ހަސަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ ބޭފުޅުން ބޭނުންވަނީ، 2023 އެމްޑީޕީއަށް ގެއްލިގެން ނުދާނެ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމް ވެގެންދިއުން ކަމަށާއި ޕްރައިމަރީގައި އުނިކުރި ފަރާތްތަކަށް ވޯޓް ނުލެވޭނަމަ އެއީ އެ ޕާޓީއަށް ރިޔާސީ އިންތިޚާބުގައި ގެއްލިގެންދާނެ ވޯޓް ކަމަށެވެ.
"އިތުބާރު ކުރެވޭ ގޮތަކަށް މި ޕްރައިމަރީގައި މަސައްކަތްކޮށްގެން ނޫނިއްޔާ އަޅުގަނޑުމަނަށް - ޕްރައިމަރީ ގޮސް ނިންމާލެވިދާނެ، ބަޔަކު ގޮސް ވޯޓްލާ، އަނެއް ބަޔަކު ވޯޓް ނުލާ، އެތާންގައި އެތައް ކަންތައްގަނޑެއް ހިނގާފާނެ. އޭގެ ނަތީޖާއަކަށްވާނީ 2023ގެ އިންތިޚާބު އެމްޑީޕީއަށް ގެއްލުން." ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވަނީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް އެމްޑީޕީން ބުނެއެވެ. އެކަމަށް ރައްދު ދެއްވަމުން ހަސަން ވިދާޅުވީ، އެ ޕާޓީން ވަކިކުރި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އުފައްދަން ޖާނާއި މާލުން ޤުރުބާންވި ފަރާތްތައް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ފަރާތްތަކަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ކަމަށް ވިދާޅުވިއެވެ.