ދުނިޔެ

ޗައިނާއިން އިޓަލީއަށް ދަތުރު ކުރާ ފަރާތްތައް ކޮވިޑް-19 ޓެސްޓް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޓަލީ ވިލާތަށް އެތެރެވާ މީހުންގެ ތެރެއިން، ޗައިނާއިން ފުރައިގެން ދަތުރުކުރާ ހުރިހާ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރަން ފަށައިފިއެވެ. އިޓަލީ ވިލާތުން މި ގޮތަށް އަމަލުކުރަން ފަށާފައި މި ވަނީ، ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޑިސެންބަރު 7 އިން ފެށިގެން ޗައިނާއިން ލުއިދިނުމާ ގުޅިގެން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.

Ads by Sosun Fihaara

ޗައިނާގައި ބަލި ފެތުރެމުންދާ މިންވަރު ފުރިހަމައަށް ދެނެގަތުމަށް މިހާރު ދަތިވެފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ބޮޑެތި ބައެއް ރަށްތަކުގައި ދުވާލެއްގެ މައްޗަށް 50,000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޗައިނާއިން ބުނަމުން ދަނީ، އެ ޤައުމުގައި ބަލި ފެތުރެނީ ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ކަމުގައެވެ.

ޗައިނާއިން ފުރައިގެން ދަތުރު ކުރާ މީހުން ޓެސްޓު ކުރަން އިޓަލީ ވިލާތުން ފަށާފައި ވަނީ ޑިސެންބަރު 28 ވަނަ ދުވަހުން ފެށިގެންނެއެވެ. އެއާ އެކު، ޗައިނާގައި ފެތުރެމުންދާ މި ބަލީގެ އައު ވޭރިއެންޓެއް އިޓަލީ ވިލާތަށް ވާސިލުވެފައިވާ ކަމުގެ ރިޕޯޓުތައް ފެތުރުނެވެ. ނަމަވެސް، އިޓަލީ ވިލާތުން ވަނީ އެ ރިޕޯޓުތައް ދޮގުކޮށްފައެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ވިދާޅުވީ ޗައިނާއިން އެ ޤައުމަށް އެތެރެވި އެއްވެސް މީހެއްގެ ހަށިގަނޑުން ކޮވިޑްގެ އައު ވޭރިއެންޓެއް ފެނިފައި ނުވާ ކަމުގައެވެ. ނަމަވެސް، މި ބަލީގެ އެންމެ ހަލުވިކޮށް ފެތުރޭ ވޭރިއެންޓް ކަމުގައިވާ އޮމިކްރޯން ޖެހިފައިވާ މީހުން ފެނިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ފުރައިގެން އެ ޤައުމަށް ދަތުރުކުރާ މީހުން ޓެސްޓު ކުރަން މަޖުބޫރު ކުރި ނަމަވެސް، މި ބަލި އިޓަލީ ވިލާތުގައި އަލުން ފެތުރުމުގެ ފުރުޞަތު ކުޑަކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ވެސް މެލޯނީ ވިދާޅުވިއެވެ. ސަބަބަކީ، ޗައިނާއިން ފުރައިގެން ދަތުރުކުރާ ބައެއް މީހުން، އިޓަލީ ވިލާތަށް ދަތުރު ކުރުމުގެ ކުރިން އެހެން ޤައުމެއްގެ ޓްރާންސިޓް ކުރުމެވެ. އެ ފަދަ ދަތުރުވެރިން ޓެސްޓު ކުރުމަށް އެ ޤައުމުން އަދި ނިންމާފައެއް ނުވެއެވެ.

އިޓަލީ ވިލާތުގެ ޞިއްޙަތާ ބެހޭ ވަޒީރު އޮރަޓްޒިޔޯ ސްކިލައްޗީ ވިދާޅުވީ، ޗައިނާއިން ފުރައިގެން ދަތުރުކުރާ ހުރިހާ އެންމެން ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. މިއީ، ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން މަޖުބޫރު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

އީ.ޔޫ.ގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފަށާފައި ވަނީ އިޓަލީ ވިލާތުގައެވެ. އެއީ، 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އަދި، ބަލި ފެތުރެން ފެށުމާ އެކު، އެންމެ ފުރަތަމައަށް ފުރަބަންދު ކޮށްފައިވާ ޤައުމަކީ ވެސް އިޓަލީ ވިލާތެވެ.

އިޓަލީ ވިލާތުގެ އިތުރުން އެމެރިކާއާއި ޖަޕާނުން ވެސް ވަނީ، ޗައިނާއިން ފުރައިގެން ދަތުރު ކުރާ މީހުން ކޮވިޑަށް ޓެސްޓު ކުރުން މަޖުބޫރު ކޮށްފައެވެ. ބައެއް އެހެން ޤައުމުތަކުން ވެސް ވަނީ އެ ގޮތަށް އަމަލުކުރަން ނިންމާފައެވެ. މި ދަނޑިވަޅުގައި ޗައިނާއިން މި ވަނީ، އެ ޤައުމަށް އެތެރެވާއިރު ފުރިހަމަކުރަން ޖެހޭ ކަރަންޓީނުގެ މުއްދަތު، އަންނަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވައިލަން ނިންމާފައެވެ. މިއާ އެކު، އެތަކެއް ހާސް ބަޔަކު އެހެން ޤައުމުތަކަށް ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!