ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރަދުންނެއް ނޫންކަމަށާއި އެއީ ސަރުދާރެއްކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ހިންގަވާނެ ގޮތާއި، ވާހަކަ ދައްކަވާނެ ގޮތުން ފެށިގެން ހުއްޓި ހުންނަވާނެ ގޮތްވެސް އަރިހުގައި ތިއްބަވާ ބޭފުޅުން ކިޔައިދެއްވި ޒަމާނެއް އެމަނިކުފާނުވެސް ދުށް ކަމަށެވެ. އެހެންނަމަވެސް އެ އިއްޒަތާއި ގަދަރު، އަދި އަރާމާއި ޝެހެންޝާހުކަން ދޫކުރެއްވުމަކީ ރައްޔިތުންގެ ތަރައްގީއަށް ރައީސަކަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ޞާލިހުގެ އަނބިކަނބަލުން އަދި ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޯފުޅު ފަޒްނާ އަހުމަދު އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޞާލިހަކީ ކަންކަމުގައި ރިއެކްޓު ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. މިކަމާއި ގުޅުވައި ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވަމުންނެވެ. މިއަދުގެ ޖަލްސާގައިވެސް ނަޝީދު ވިދާޅުވީ ބޮޑުވަމުން އަންނަ ޖީލު ރަނގަޅު ކުރެވޭނީ ރައީސާއި ސަރުކާރުން އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"އެހެންވެ އަޅުގަނޑު ރައީސް އަރިހުގައި މި ދަންނަވަނީ ރިއެކްޓު ނުކުރައްވާ ނޯންނަވާށޭ. ހެނދުނާ ތެދުވަންނަވާށޭ. މިކަމަށް ވިސްނަވާށޭ. އަވަހާރަފުޅު ލައްޕަވަމުންވެސް ކޮންމެވެސް ރަށެއްގެ މަގު ޗާޓު، ކޮންމެވެސް ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހިތަށް ގެންނަވާށޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޞާލިހުގެ ކެމްޕެއިންވެސް ކުރިއަށް ދާއިރު އެކަމުގައި އިސްކޮށް އުޅުއްވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. ބައެއް އެހެން ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންވެސް ރައީސް ޞާލިހުގެ ކެމްޕެއިންގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް ރައީސް ޞާލިހު ރާއްޖޭގައި ވަޑައިގެން ނޫޅުއްވަ އެވެ.
އާ އަހަރުގެ ޗުއްޓީ ހޭދަކުރައްވަން ރައީސް ޞާލިހު އުޅުއްވަނީ ސްރީލަންކާއަށް ވަޑައިގެންނެވެ. އެމަނިކުފާނުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޮޑު ޖަލްސާއެއް ބާއްވާނީ ބެލެވޭ ގޮތުގައި ރައީސް ޞާލިހު ވަޑައިގެންނެވުމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހު 28 ވަނަ ދުވަހެވެ. މިފަހަރުގެ ޕްރައިމަރީއަކީ އެޕާޓީގެ ތާރީހުގައިވެސް ބާއްވާނެ އެންމެ ވާދަވެރި އެއް ޕްރައިމަރީ އެވެ.
ރަށްވެހި ފަތިސް އެޖެންޑާ ނަވާރަ ޖަޒީރާ ރާއްޖެ އަހަރެމެންނަށް އެމްޑީޕީ ލައްކަ ކޮޅު ކެހި ދީފިޔޭ ދެން ދާންވޟ މައުމޫންގެ ޑިކްޓޭސިޕް ގޮތަށް އަންނިގެ ގަދަ 30 އަށް ބާވަ ވާކަމެއް ހަރާމުން ހަރާން އަދި ބުނެގެން ރަށު ކައުންސިލަށް ހޮވީމަ ވީ މަރުކަޒީ ބޭންކަށް