ޗައިނާއާއި ޕިލިޕީންސްއިން މަޝްވަރާގެ މޭޒަށް
ފިލިޕީންސްއާއެކު ތެލާއި ގޭހުގެ މަޝްވަރާތަކާއި މެރިޓައިމް މަައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުން ޝީ މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހުއެވެ.
އެގޮތުން ބުދަ ދުވަހު، ޝީ ވަނީ ފިލިޕީންސްގެ ރައީސް ފަރޑިނެންޑް މާކޯސް އާ ބެއިޖިންގައި ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގެ ތެރޭގައި ޝީ ވަނީ ޗައިނާގެ ދެކުނު ކަނޑުގެ ސަރަހައްދު، ހޯދައި ފެންނަ ތޭލާ ގޭހުގެ ވަސީލަތަތްތަކާ ގުޅޭ މަޝްވަރާތައް ފިލިޕީންސްއާއެކު ކުރަން ޗައިނާއިން މިހާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުން ފިލިޕީންސްގެ މަސް އިމްޕޯޓްކުރާވަރު އިތުރު ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ޗައިނާގެ ދެކުނު ކަނޑުގެ ސަރަހައްދަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ބުނަމުންދާ ބުނުމުގެ ސަބަބުން އެސަރަހައްދުގެ އެހެން ގައުމުުތަކާ ޗައިނާއާ ދެމެދު ނުތަނަވަސްކަން ވަނީ އުފެދުފައެވެ. މި ސަރަހައްދަކީ ތެލާ ގޭހުގެ އިތުރުން މަސްމަހާ މެހީވެސް ތިޔާގި ސަރަހައްދެކެވެ. އަދި ކޮންމެ އަހަރު ތިން ޓްރިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުދާ ބަރުކޮށްގެން އުޅަނދުތައް ދަތުރުކުރާ މަގެކެވެ.
ޗައިނާއިން މުޅި ސަރަހައްދު އެމީހުންގެ ބަޔަކަށް ހަދައިގެން އުޅޭކަމުގެ ކަންބޮޑުވުންތައް މީގެ ކުރިން ފިލިޕީންސްއިން އުފުލާފައިވާއިރު، ދެގައުމުގެ ރައީސުންގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް މިވަނީ މިކަމާ ގުޅެ މަޝްވަރާތައްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޝީ ވަނީ ޗައިނާއިން ފިލިޕީންސްގައި އިތުރު އިންވެސްޓްމެންޓްތައްކުރަންވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެގައުމުގެ އަވައްޓެރި ގައުމަށް އެންމެ ފަހުގެ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ އާއި އިތުރު ތައުލީމީ ފުރުސަތުތައް މަގުފަހިކޮށްދިނުމަށް އެހީވެދިނުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ޝީ ވިދާޅުވިއެވެ.
ފިލިޕީންސްގެ ރައީސް ޗައިނާއަށް ދަތުރުކުރައްވާފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ އެގައުމުގެ ބޯޑަރު ހުޅުވާލުމުގެ ފަހުންނެވެ. ތިން ދުވަހުގެ މިދަތުރުފުޅުގައި މާކޯސް ވަނީ ޗައިނާގެ ޕްރިމިއަރ ލީ ކެޒިއަންގ އަދި ޕާލިއަމެންޓް ޗީފް ލީ ޒަންޝޫއާވެސް ބުދަ ދުވަހު ބައްދަލުކުރައްވާފައެވެ.