ޚަބަރު ސިޔާސީ

މޫސަ ވިދާޅުވީ ގޭތެރޭގަ ހިނގާ ކަންކަމުގެ ވާހަކަ ދައްކަން ނުވާނެކަމަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އެމްޑީޕީގެ އެތެރޭގައި ހިނގާ ކޯޅުންތަކުގެ ވާހަކަ ދައްކަވަން ދެކޮޅު ހައްދަވަމުން، ގޭތެރޭގައި ހިނގާ ކަންކަމުގެ ވާހަކަ ދައްކަން ނުވާނެކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި މޫސާ މަނިކު އެމްޑީޕީއިން ވަކިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދާއި މައްސަލަ ޖެހިވަޑައިގެންނެވުމުންނެވެ. އޭގެ ފަހުން ޕީޕީއެމްއާއިއެކު ރައީސް ޔާމީންގެ އަރިހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު އަނބުރާ އެމްޑީޕީއަށް ސޮއިކުރެއްވީ ނިމިދިޔަ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ރ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކުރިއިރު ޖެހުނު މައްސަލަތަކަކީ ގޭތެރޭގެ މައްސަލަތަކެއް ކަމަށެވެ. އަދި މިހާރު އެމްޑީޕީގައި އޮތް ވާދަވެރިކަމަކީވެސް ގޭތެރޭގެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭތެރޭގަ ހިނގާ ކަންކަމުގެ ވާހަކަ ދައްކާކަށް ނުވާނެއޭ މީހުން ބުނޭ. އެހެންވީމަ އެވާހަކަ ދައްކާކަށް އަޅުގަނޑުވެސް ނެތިން" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރުމަށްފަހު ދައުރު ފުރިހަމަ ނުކުރެއްވިއެއް ކަމަކު ޖެހިގެން އައި އިންތިހާބުގައި 2013 ވަނަ އަހަރު ރައީސް ނަޝީދަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އޭރު ނިކުންނެވި ކަމަށެވެ. އެއީ އެމްޑީޕީގެ އެތެރޭގައި ކަންކަން ހަމަޖެހިފައި އޮންނަ އުސޫލު ކަމަށާއި އޭރު އެނޫން ގޮތަކަށް އެކަން ކުރެވެންވެސް ނޯންނަކަމަށް މޫސަ ވިދާޅުވި އެވެ.

އެހެންނަމަވެސް މޫސަ ވަނީ ރައީސް ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީއަކީ ރައީސް ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުންކަމަށް ވިދާޅުވާތީ މޫސަ ވިދާޅުވީ އެޕާޓީއަކީ ވަކި މީހެއްގެ ޕާޓީ ނޫންކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވައުދުނާމާ ތައްޔާރު ކުރިއިރުވެސް މޫސަ އެތަނުގައި އިންނެވި ކަމަށާއި އެހެންކަމުން އެމްޑީޕީއަކީ ސީދާ ރައްޔިތުންނަށްޓަކައި ރަން ރީނދޫ ލަޝްކަރު ތައްޔާރުކުރި އެއްޗެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯޝާއި ފޯރިއާއިއެކު ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޞާލިހު "ދެމިލައިފި" ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުންވެސް ރައީސް ދެމިލައިފި ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ރަށްރަށަށް އެރީމައި ރައްޔިތުން ބުނަނީ ކުރިން އެދުނު ކަންކަން ރައީސް ޞާލިހު ކޮށްދީފި ކަމަށާއި ދެން އިތުރު ކަންކަމަށް އެދެން ބޭނުންވާކަމުގައި ކަމަށެވެ. އެއީ ރައީސް ޞާލިހުގެ ހިންގުންތެރި ސަރުކާރުގެ ސަބަބުންކަމަށްވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީން އެންމެ ފުރަތަމަ އެކުލަވައިލި ވައުދުތައްވެސް ފުއްދަވަމުން ގެންދަވަނީ ރައީސް ޞާލިހެވެ. އެހެންވެ ޕްރައިމަރީގައި ރައީސް ޞާލިހު ނޫން ބޭފުޅަކަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން މޫސަ އެދިލެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!