ދުނިޔެ

އިންޑިއާގައި މުސްލިމުންގެ ގެތަކެއް ތެޅުން ސްޕްރީމް ކޯޓުން ހުއްޓުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އުތުރުގެ ސިޓީ އުތަރަކާންދުގެ އަވަށުގައި ހުރި މުސްލިމުންގެ 4000 ވުރެ ގިނަ ގެ ތަޅާލަން އުޅުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

Ads by Sosun Fihaara

މިދިޔަ މަހު 20 ގައި އުތަރަކާންދު ހައިކޯޓުން ކުރި އަމުރެއްގައި ވަނީ އެ ސިޓީގެ ހަލްދުވާނީގެ ބަންބުލްޕޫރާ އަވަށުގައި ރޭލު ލައިނާ ޖެހިގެން ހުރި 4،365 ގެއަކީ "ގައިރު ގާނޫނީ" ގެތަކެއް ކަމަށާއި އެހެންކަމުން ތަޅާލަން އަމުރު ކުރާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ގެއަކީ މުސްލިމް އާއިލާތަކަށް ނިސްބަތްވާ ގެދޮރެވެ.

ސުޕްރީމް ކޯޓުން އިއްޔެ އެކަން ހުއްޓުވަން އަމުރު ނެރުނީ އެ ބިމުގެ ހައްގެއް ނެތް މީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ބާރުއަޅާ ކަމަށް ބުނެފަ އެވެ.

"އެއް ރެއަކުން 50،000 މީހުން ކައިރީ ގެތަކުން ނުކުމެގެންދާށެ ނުބުނެވޭނެ. ބިމުގައި ހައްގެއް ނެތް މީހުން އެތަންތަނުން ބަދަލު ކުރުމުގައި ހޭލުންތެރިކުރުވުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ބޭނުންތެރިކަން މުހިންމު ހަމަ އެޔާއެކު ރޭލު ދަތުރުފަތުރުގެ ބޭނުންތެރިކަން ދެނެގަން އެކަން ކުރަން ޖެހޭނީ،" އިންޑިއާގެ މަތީ ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.

މި ކަމާ ގުޅިގެން އިންޑިއާގެ ރޭލްވެސް އާއި އުއްތަރަކަންދު ސަރަހައްދީ ސަރުކާރަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެން ބާއްވާ ޝަރީަތެއްގައި ދިނުމަށް ވެސް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތެއް ދެން އޮންނާނީ އަންނަ މަހުގެ 7 ގަ އެވެ.

މި ގެތަށް ތަޅާލަން އުޅޭތީ އެ ސަރަހައްދުގައި އުޅޭ މުސްލިމުން ވަނީ މުޒާހަރާ ކޮށްފަ އެވެ. އިއްޔެ ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ ވަގުތު ވެސް އެ އަވަށުގެ އެއްތާކަށް އެއްވެ މުސްލިމުންތައް މުޒާހަރާ ކުރި އެވެ. ގެތައް ތަޅާލަން ހުއްޓާލުމަށް ސުޕްރީމް ކޯޓުން އަމަުރު ނެރުނުކަން އިއުލާން ކުރުމުން އެއްވެފައި ތިބި މީހުން އުފާފާޅު ވެސް ކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!