މާލޭ މީހުންނަށް ދޭން ބުނި ގޯތި އަދި ހުރީ ކަނޑު އަޑީގައި: ރައީސް ނަޝީދު
މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭން ބުނި ގޯތި އަދި ފެނުން މައްޗަށް ނާރާ ކަމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެންޕެއިން ކުރެއްވުމަށް އަތޮޅުުތަކަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދ. މީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ މި ސަރުކާރުން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ސަމާލުކަން ނުދޭތީ ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު ހީކުރީ، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ކަނޑާފައިދީ. ތިބޭފުޅުންނަށް އެތަންނަށް ވަދެވޭނެ ކަމަށް. އެހެންނަމަވެސް އެކަން އެގޮތަށް ނުވި،" އެމްޑީޕީ މެނިފެސްޓޯގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޭންވި ވައުދަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ގުޅީފަޅު ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ދޭން ބުނި ގޯތިތައް ދެވޭނީ އަދި އެތަން ހިއްކައިގެން ކަމަށާއި އެކަން ވެސް ނުވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
"މާލޭ މީހުންނަށް ދޭން ބުނި ގޯތި އަދި ހުރީ ކަނޑު އަޑީގައި. ފެންމަތި ވެގެން އެކަން ކުރެވޭނީ."
ނަޝީދު ވިދާޅުވީ މަޒާޖީ ގޮތެއްގައި މި ވާހަކަތައް ދެއްކިދާނެ ކަމަށާއި ނަމަވެސް މިއީ މަޖާ ވާހަކަތަކެއް ނޫން ކަމަށެވެ. ބޮޑު ތަރައްގީ އަކީ ބަނދަރާއި ޓާފް ދަނޑުތައް ނޫން ކަމަށާއި މިއަދުގެ ސަރުކާރުން ފަށާ އެއްކަމެއް ވެސް ނިމޭ ކަމަށް ނުވާ ކަމަށެވެ.
"ހަމަ ކުޑަރަށެއް، ބޮޑު ރަށެއް، ފަޅު ރަށެއް ބަލާނުލާ ކޮންނަމަކުން ނުދެވޭނެ. ނިންމޭ އެއްވެސް މަސައްކަތެއް މީގެން ރަށަކުން މިހާރަކު ނުފެނޭ. ފަށާ، އަންނަ ގޮތަށް އައިސް ހުރިހާ އެންމެން ލައްވާ އުދަލި ޖައްސަވައިގެން ފައްޓަވާ."
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިއަންނަ މަހު 28ގައެވެ. އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙެވެ.