ދުނިޔެ

ޗައިނާއާއި އެމެރިކާ ނުސީދާ ކޯޅުމެއްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ އާއި ޗައިނާއާ ދެމެދު ވާންވެފައި އޮތް ގުޅުމަށް އަދިވެސް މާބޮޑު ދުލެއް ނުލިބެ އެވެ. އޮތީ ލިބޭ ގޮތަކަށް ވެސް ނޫނެވެ. މައިގަނޑު ސަބަބަކީ ޗައިނާ ރުޅި އެރުވުމަށް ގަސްދުގައި އެމެރިކާ ކުރާ ޖެއްސުމެވެ.

Ads by Sosun Fihaara

ޗައިނާ ބުނާ ގޮތުން ޓައިވާނަށް މާ ގާތްކޮށް ހިތައި އަސްކަރީ ގާބިލުކަން ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެމެރިކާއިން ޓައިވާން އާއެކު ބާއްވާ ގުޅުމަކީ ޗައިނާއަށް ކުރާ ފުރައްސާރަ އެވެ. ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި ޓައިވާން އާއެކު -- މިނިވަން ދައުލަތަަކާ އެކު މުއާމަލާތްކުރާ ގޮތަށް ނުކުރުމަށް އެމެރިކާ އަށް އެންގި ނަމަވެސް -- އެމެރިކާ އޮތީ އެ އަޑުއަހާ ގޮތަކަށް ނޫނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ މިދިއަ އަހަރުގެ ފަހުކޮޅު ޓައިވާނަށް ވަޑައިގަތުން ވަރަށް ބޮޑު މައްސަލައަކަށް ވެފައި ވަނިކޮށް -- އަދި އެ މައްސަލަ މުޅިން ހިނދިގެން ނުދަނީސް -- މިހާރު ވެސް އެެމެރިކާގެ ކިބައިން ފެންނަމުން ދަނީ ޗައިނާ ރުޅިއެރުވުމުގެ އަމަލުތަކެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު އޮންނަ ޓައިވާން ކަނޑުއޮޅިއަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ބުރާސްފަތި ދުވަހު ވަނުން ވެފައި ވަނީ ވެސް އަލިފާނަށް ދަރުއެޅުން ފަދަ ހަރަކާތަކަށެވެ.

އެމެރިކާގެ މި އަމަލުތަކަށް ޗައިނާއިން ލިޔުމުން ރައްދުދީ ނުރުހުން ފާޅުކުރި ނަމަ ވެސް ހަމަލާ ބަދަލުކުރުން ފަދަ ގޮތަކަށް ބަޑިބޭހާ ކުޅެފައެއް ނުވެ އެވެ. އެހެން ނަމަވެސް، އެމެރިކާގެ ވިސްނުން އޮތީ ޗައިނާ ރުޅިއަރުވައި، ހަނގުރާމައެއް ފައްޓުވައި ގަދަބެލުމަށެވެ. ޔުކްރޭން ލައްވައި ރަޝިއާއާ -- ރޮކެޓާއި މިސައިލުން ގަދަބަލުމުން އެ ގެންދާ ގޮތަށެވެ.

ޗައިނާ އިން ޝަކުވާކުރުމުން އެމެރިކާ އަބަދުވެސް ދެނީ އެއް ޖަވާބެކެވެ. އެމެރިކާ ބުނާ ގޮތުން ބައިނަލްއަގްވާމީ ކަނޑާއި ފަޅަކީ އެއްވެސް ބައެއްގެ އަމިއްލަ ތަންތަނެއް ނޫނެނެވެ. އެހެން ކަމުން ދަތުރުފަތުރުކޮށް އުޅުމުގެ އިޚްތިޔާރު ކޮންމެ ގައުމަކަށް ވެސް އޮންނާނެ އެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ޓައިވާން ސަރަހައްދަށް ވަދެފައި ވަނީ ޓައިވާނަށް އެހީވުމުގެ ގޮތުން ހިންގާ އަސްކަރީ ފަރިތަކުރުންތަކަކަށް ކަމަށް ވެސް އެމެރިކާ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ޗައިނާ ކަހަލަ ބާރުގަދަ ގައުމެއްގެ ފުޅައްބުޑުގައި ބޮޑުބަޑި ހިފައިގެން ފޯރިމެރުމަކީ އަދަބުކުޑަ އަމަލެއް ކަމަށް އެމެރިކާއަކަށް ނުވިސްނެ އެވެ. އަދި ވިސްނުނު ކަމަށްވި ނަމަވެސް، ޗައިނާ ރުޅިއެރުމުގެ ގަސްދު އޮތްލެއް ބޮޑުކަމުން އެކަހަލަ ކޮސް ކަންތައްތައް ކުރެވެނީ އެވެ.

އެމެރިކާއިން ޓައިވާން ސަރަހައްދުގައި ހިންގާ ރުޅިއެރުވުމުގެ ހަރަކާތަަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެނީ ޗައިނާ ސިފައިން "ސީދާ ހަރަކާތަށް" ނުކުތުމުން ކަމަށް ބެލެވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!