އެމްޑީޕީން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމަކީ ހިތާމަހުރި ކަމެއްކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ފާޅުކަން ބޮޑުކޮށް އެމްޑީޕީގެ ބައެއް ރިޔާސީ ވައުދުތައް ނުފުއްދަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ އޮފްޝޯރ ފިޝަރީޒް ޕްލެޓްފޯމުތައް އަޅަން އެމްޑީޕީން ވި ވައުދެވެ. ނިމިދިޔަ ހަފްތާގައި ރައީސް ޞާލިހު ވިދާޅުވީ އިންޑިއާ ކަނޑުގެ މެދުގައި ކަނދުފައްޗެއް އަޅައި އެތަނުން މަސްވެރިންނަށް ފެނާއި އައިސް ފޯރުކޮށްދޭން ބުންޏަސް އެކަން ނުކުރައްވާނެ ކަމަށެވެ. މިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކަންނެލި ޖަގަހަތައް ގާއިމްކުރުމުގެ ވައުދުގެ ތެރެއިން އޮފްޝޯރ ފިޝަރީޒް ޕްލެޓްފޯމުތައް އަޅަން އެމްޑީޕީން ނިންމި ކަމަށެވެ. އެހެންނަމަވެސް އޭގެން މަސްވެރިންނަށް ކުރާނެ ފައިދާތައް އެނގިވަޑައިނުގެން އެކަން ނުކުރައްވާނެކަމަށް ރައީސް ވިދާޅުވުމަކީ ހިތާމަހުރި ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދެން އަދި މަސްވެރިންނަށް ހިދުމަތް ދިނުމަށް އޮފްޝޯރ ޕްލެޓްފޯމެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އެހެންމަ އެ ވިސްނުން އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮވެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް އެ އޮވެމެ އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އެމަންޒަރު ސިފަ ނުކުރެއްވުނީމާ އެއީ ވަރަށް ބޮޑު ހިތާމައެއް" ނަޝީދު ވިދާޅުވި އެވެ.
ހަމައެފަދައިން ފުވައްމުލަކުގައި ޖޫހެއް އުފެއްދުމާއި، މާ ހައްދައި އެ މާ އެކްސްޕޯޓު ކުރެވޭ ގޮތް ހެދުމަކީވެސް އެމްޑީޕީން ވަމުން އައި ވައުދެއްކަމަށާއި އެވައުދު ފުއްދެމުން ނުދާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަންގައި ތިއްބަވާ އެހެން ޕާޓީތަކުގެ ސަބަބުންކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނު ތާއީދު ކުރައްވަނީ އެމްޑީޕީ ގިނިކަންޏާއި އިންތިހާބަށް ނިކުމެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ކަމަށްވެސް ވިދާޅުވި އެވެ.