ހަތަރު އަހަރުން ނަރުދަމާއެއް ނުނިމުމަކީ ރައްޔިތުން ޤަބޫލު ކުރާނެ ކަމެއް ނޫން: ރައީސް ނަޝީދު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ލަސް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ޞާލިޙްގެ ވެރިކަމަށް ރައީސް މުޙައްމަދު ނަޝީދު ފާޑު ވިދާޅުޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޕެއިންނަށް މިހާރު އަތޮޅު ތެރޭގެ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނ. ވެލިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މެދުގައި މިއަދު ރައީސް ޞާލިޙްގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި މި އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިނުގެންފިނަމަ، ޕާޓީއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ ވިދާޅުވީ ރައީސް ޞާލިޙް އެމްޑީޕީގެ ކެނޑިޑޭޓަކަށް ވެއްޖެނަމަ ލިބޭނީ 10-15 ޕަސެންޓް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުގެ ސްޕީޑް ސްލޯކަމަށް އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.
"މިދިޔަ ފަސް އަހަރު ދުވަހު ހިންގުނު ކަންތައްތައް މާ މާ މާ ބޮޑަށް ލަސް. އެއްވެސް ކަމެއް ގެންގޮސް ނިންމާލެވޭ ކަމަށް ނުވޭ. ކޮންމެ ރަށެއްގެ މަސައްކަތް ވެސް ގެންގޮސް ފަށާ، މުޅި ރަށުގެ ފަސްބާޑި ޖަހާ، ނަމަވެސް ކަން ގެންގޮސް ނިންމާނުލެވި މިދަނީ. އެއީ ރާއްޖޭގެ ރައްޔިތުން ބަލައިގަނެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދޮޅު އަހަރުން އެބަ ނިންމާ ރިސޯޓެއް ހަދާ، އޭގެން ތަނެއްގައި ނަރުދަމާ އަޅަން ދެ މަސް ނުނަގާ. އެހެންނަމަވެސް އަޅުގަނޑުމެން ހަތަރު އަހަރު ވެގެންދާއިރު މިތަނުގައި މިތިބެނި އުދަލި ޖަހާއިގެން ކޮނެލަ ކޮނެލާ. އެއްވެސް ކަމެއް ރީތިކޮށް ނިންމާލެވޭތަނެއް ނާދޭ"
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، އެކަން ނުކޮށްުހރި ހުރިހާ ރަށެއްގައި އެއްފަަހަރާ އެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތް ލަސްކަމަށް ބުނެ އިދިކޮޅާއި ރައީސް ނަޝީދުގެ ޓީމުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތައް ވެސް މުހިންމު ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރަންވާނީ އަތުގައި ހުރީ ކޯއްޗެއްތޯ އިނގިގެން، މަސައްކަތްތައް ބާރަށް ކުރިޔަށް ގެންދެވޭނަމަ ކަމަށެވެ. ނޫންނަމަ ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ އޮންނައިރު، ވާދަވެރި ކެނޑިޑޭޓް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ.
ފާސްޓުކޮށް ކަންކުރާ މީހުން ވެރިކަންކޮށްް ނިންމާލިއިރު ނަރުދަމާ ނޭޅިއޮތީ ކީއްވެތަ