އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނިކުތީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ޕްރައިމަރީއަށް ނުނިކުންނެވުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޕެއިންނަށް މިހާރު އަތޮޅު ތެރޭގެ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތިގައި ނިކުނަންނަވަން ދެ ބޭފުޅުން ފާހަގަކުރެވުނު ކަމަށެވެ. އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އަބުދުﷲ ޝާހިދު ކަމަށެވެ.
“ދެން އަޅުގަނޑު ބޮޑަށް ބެލީ ތިބޭފުޅުންނާއި، އެމްޑީޕީގެ އަބަދުވެސް މެންބަރެއްގެ ގޮތުގައި ހުރި މީހަކު އެމްޑީޕީއަށް ފަސޭހަ ވާނެއޭ އެގޮތައް އެކަން ކުރަން. ދެން ޝާހިދު ކައިރީގަ އަޅުގަނޑު ދެންނެވިން ނެތޭ ޝާހިދަށް ތާއީދު ކުރެވޭކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅިވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ނިކުތުމުގެ ކުރިން ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝާހިދަށް ދެންނެވި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝާހިދު ނިކުންނަވާ ނަމަ އެމަނިކުފާނު ކުރިމަތިނުލައްވާނެ ކަމަށް ދެންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ދެން އަޅުގަނޑަކަށް ނުފެނޭ އެ ބޭފުޅުންނަކީ ނުކުމެ ވާދަ ކުރައްވާ ބާވަތުގެ ބޭފުޅުން ކަމެއް އެހެންވީމާ ނުކުރެއްވީ. އަޅުގަނޑަކީ ނުކުމެ ވާދަކުރާ ކަހަލަ މީހެއް، އެހެންވީމާ އަޅުގަނޑު މިހުރީ ނުކުމެ ވާދަކުރަން ކާމިޔާބުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.