ދުނިޔެ

ޗައިނާގެ ޕްރޮވިންސެއްގައި 90 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ތިންވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހީނާން ޕްރޮވިންސްގެ 90 އިންސައްތަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައި ކަމަށް އެގައުމުގެ އިސް ސިއްހީ އޮފިޝަލަކު ހާމަކޮށްފިއެވެ. އޭނާ ހާމަކުރިގޮތުގައި 99.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހީނާން ޕްރޮވިންސްގެ 88.5 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

Ads by WAMCO

މިއީ ވެރިރަށް ބޭޖިންގއިން ދެމުން ގެންދާ ރަސްމީ އަދަދުތަކާ ވަރަށް ބޮޑަށް ތަފާތު އަދަދު ތަކެކެވެ.

އޭއެފްޕީން ހާމަކޮށްފައިވާގޮތުގައި ޕްރޮވިންޝަލް އޮފިޝަލް، ކަން ކުއަންޗެންގ މިމައުލޫމާތު ދީފައިވަނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަމަވެސް މިހާ ގިނަ ބަޔަކަށް ބަލި ޖެހުނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް އޭނާ ހާމަ ނުކުރާކަމަށްވެއެވެ. ނަމަވެސް ޗައިނާއިން ހިފަހައްޓަމުން އައި ޒީރޯ ކޮވިޑް އުސޫލުތައް މީގެ ތިން ހަފުތާ ކުރިން އުވާލިފަހުން ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިވާ ކަމަށް އެހެން މީޑިޔާ ރިޕޯޓްތައް ބުނެފައިވެއެވެ.

އޮފިޝަލް ބުނެފައިވާ ގޮތުގައި، ފީވަރ ކްލިނިކްތަކަށް ދިއުން އިތުރުވެގެން ގޮސް އެންމެ ޕީކަށް އަރާފައިވަނީ 19 ޑިސެމްބަރުގައެވެ. އެއަށްފަހު ބަލިޖެހޭ މީހުން މަދުވަމުން ދިޔަކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އޮފިޝަލް ދިން އަދަދުތައް، ވެރިރަށް ބޭޖިންގއިން ހާމަކޮށްފައިވާ އަދަދުތަކާ ވަރަށް ތަފާތެވެ.

ރަސްމީ ފަރާތްތަކުން އެންމެ ފަހުން ހާމަކޮށްފައިވާގޮތުގައި 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި ކޮވިޑް ޕޮލިސީއަށް ބަދަލު ގެނައި ފަހުން ކޮވިޑް ޖެހިފައިވަނީ 120،000 މީހުންނަށެވެ. އަދި މަރުވެފައިވަނީ 30 މީހުންނެވެ.

ޖެނުއަރީ 8 ވަނަ ދުވަހާ ހަމައަށް ޗައިނާއިން ރިޕޯޓް ކޮށްފައިވަނީ ކޮވިޑާގުޅޭ 5،272 މަރެވެ. އެހެންކަމުން ޗައިނާ ވެގެންދަނީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ކޮވިޑް ބަލީގައި އެންމެ މަދުން މީހުން މަރުވި އެއް ގައުމަށެވެ.

ތިން އަހަރަށްފަހު ޗައިނާގެ ބޯޑަރުތައްވެސް ވަނީ ދާދި ފަހުން ހުޅުވާލާފައެވެ. އެއާއެކު އެކި ތަންތަނަށް ދަތުރު ކުރުމަށްޓަކައި ޕާސްޕޯޓް އާކުރުމަށް ދިޔަ މީހުންގެ ދިގު ކިއޫތައް ހެދިގެން ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!