ޗައިނާއާއި ދެކުނު ކޮރެއާގެ ވިސާގެ މައްސަލަ
ޗައިނާއިން ދެކުނު ކޮރިއާގެ ރައްޔިތުންނަށް ކުރު މުއްދަތުގެ ވިސާ ދޫކުރުން މެދުކަނޑައިލުމާ ގުޅިގެން އެކަން ހައްލުކުރުމަށް ޗައިނާއާއެކު މަޝްވަރާކުރަމުންދާކަމަށް ދެކުނު ކޮރިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޗައިނާއަށް ދަތުކުރަން ބޭނުންވާ ދެކުނު ކޮރިއާގެ ރައްޔިތުންނަށް ކުރު މުއްދަތުގެ ވިސާ ދޫކުރުން މެދުކަނޑާލާފައިވާކަން އެގައުމުގައި ހުންނަ ޗައިނާގެ އެމްބަސީން އިއުލާނުކޮށްފައި ވަނީ ޗައިނާގެ ރައްޔިތުން ދެކުނު ކޮރިއާއަށް ދަތުރުކުރުމުގައި އެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދެއްގެ ގޮތުގައެވެ.
ދެކުނު ކޮރިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ އެގައުމުން ޗައިނާއިން ދަތުރުކުރާ މީހުންނަށް އާޅާފައިވާ ކަރަންޓީންގެ ފިޔަވަޅުތަކަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށްއަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ވިދާޅުވެފައެވެ.
ދެކުނު ކޮރިއާގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މިނިންމުމަށް ބަދަލުގެނެވޭނީ ދެކުނު ކޮރިއާއިން އެގައުމުގެ ރައްޔިތުން ދެކުނު ކޮރިއާއަށް ދަތުރުކުރުމުގައި އަޅާފައިވާ "ތާފާތުކުރަނިވި" ފިޔަވަޅުތައް އުވާލުމުންކަމަށް ބުނެފައެވެ.
ދެކުނު ކޮރިއާއިން، ޗައިނާއިން އެގައުމަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށް، ފިޔަވަޅު އަޅާފައި ވަނީ ނިމުނު ހަފުތާގެ ތެރޭގައެވެ. މިނިންމުން އެގައުމުން ނިންމާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު އެގައުމުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އުފުލިގެންދިއުމާ ގުޅިގެންނެވެ.
ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޗައިނާއިން ދެކުނު ކޮރިއާއަށް ދަތުރުކުރާ މީހުން، ދަތުރުކުރުމުގެ 48 ކުރިން ނަގާފައިވާ ނެގަޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހޭނެއެވެ. ނުވަނަ ދަތުރުގެ 24 ގަޑިއިރު ކުރިިން ރެޕިޑް އެންޓިޖެން ޓެސްޓެއް ހަދަންޖެހޭނެއެވެ.
މީގެ އިތުރުން، މިމަހުގެ ނިޔަލަށް ޗައިނާގެ ރައްޔިތުންނަށް ކުރުމުއްދަތުގެ ވިސާ ދޫކުރުންވެސް ދެކުނު ކޮރިއާއިން މެދުކަނޑައިލިއެވެ.
ދެކުނު ކޮރިއާގެ ރައީސް ޔޫން ސުކްޔޮލް ވަނީ އެގައުމުން ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ އެއްވެސް ސިޔާސީ ކުލައެއް ނުހިމެނޭ ނިންމުންތަކެއް ކަމަށާއި، މިފިޔަވަޅުތަކަކީ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކޮވިޑާ ގުޅިގެން ގައުމުތަކުން އިއުލާނުކުރާ ކަރަންޓީންގެ ފިޔަވަޅުތަކާ ބޯޑަރު ކޮންޓްރޯލުކުރާ ފިޔަވަޅުތަކަކީ ޑިޕްލޮމެޓިކް، ސިޔާސީ އަދި އިގުތިސާދީ ނުވަތަ ވިޔަފާރިއާ ގުޅުވައި އަޅައި ފިޔަވަޅުތަކެއް ކަމަށް އެއްވެސް ގައުމަކުން ނުދެކޭކަމަށް ޔޫން ސުކްޔޮކް ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތަކަކީ ގައުމުގެ އެންމެންގެ ސިއްހީ ރައްކާތެރިކަމަށް ކޮންމެ ގައުމަކުންވެސް އަޅާނެ ފިޔަވަޅުތަކެއް ކަމަށް ދެކުނު ކޮރިއާގެ ރައީސް ވިދާޅުވިއެވެ.