މީހުން ލައިފްސްޓައިލް

މައެއްގެ ލޭ ކަރުނަ: މަސްތުން ހޭލާ، އަލިކުރުވި ހަޔާތް

ޝާމިލާ އިބްރާހިމް ، ދެން އޮންލައިން
ފޮޓޯ؛ އިބްތިހާލް

"މަޖަލަކަށް ވިޔަސް، ސަކަރާތް ޖަހަންވިޔަސް، ރައްޓެހިން ބުނެގެންވިޔަސް، އަޖުމަ ބަލާލަން ވިޔަސް، މަސްތުވާއެއްޗިއްސަކީ ބޭނުން ކުރަން ހެޔޮވާވަރު އެއްޗެއް ނޫން."

Ads by STELCO

އިންޓަވިއު ފެށިއިރުވެސް، ރީތި ހިނިތުންވުމެއްގެ ވެރި އެ ޒުވާނާއަށް، ހުޅުވާލަން މިއުޅެނީ އޭނާގެ ހަޔާތުގެ ކިހާ ހިތި ހަނދާންތަކެއް ރައްކާކޮށްފައިވާ ޞަފްހާ ތަކެއްކަން ރޭކާ ނުލާ ފަދައެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ހިތްދަތި އެތައް ވާހަކަތަކެއް ކިޔައިދޭން އޮތްކަން އަހަރެންގެ ޟަމީރު އަހަރެންނަށް ބުނެދިނެވެ. އެހެންވެ ލަސްނުކޮށް، އޭނާގެ ވާހަކަތަކައިގެން ކުރިއަށް ދިއުމަށް ފުރުސަތު ދިނީމެވެ.

"މަސްތުވާ އެއްޗެހި ބޭނުންކުރި މީހަކު ރަނގަޅުވެގެން އެނބުރި މުޖުތަމައުއަށް އައީމަ އޭނަ ރަނގަޅު ވެއްޖެ ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރާނެ. އެކަމަކު އަލީ ރަމީޒް އަޅުގަނޑާ ބައްދަލު ކުރުމުން އިހްސާސް ކުރެވުނު އަލީ ރަމީޒްމެން ލެވެލްގެ ބޭފުޅުންވެސް، މީހަކު ހަމަ ރަނގަޅު ވެގެން ސޮސައިޓީ ތެރެއަށް އެނބުރި އަތުވެދާނެކަން ގަބޫލު ކުރާކަން." މުހައްމަދު އާފިރްގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

މަސްތުގެ ދުނިޔެއިން ނިކުމެވުނީތީ އޭނާ ހުރީ އުފަލުން -- ފޮޓޯ: އިބްތިހާލް

ގދ.ރަތަފަންދޫއަށް އުފަން އާފިރަށް މަސްތުގެ ދުނިޔެއަށް ވަދެވުނީ އުމުރުން އެންމެ 12 އަހަރުގައި، މައިންބަފައިންގެ ކޯޅުމާއި ޒުވާބުގެ ތެރެއަށް އެ ކުޑަކުޑަ ސިކުނޑި ހޭނެން މަޖުބޫރުވި ހިސާބުންނެވެ. އެ އަޑުތައް ނޭހުމަށްޓަކައި، ގޭންބޭރަށް ދިއުން އާދަވެ، ސްކޫލަށް ދިއުމުގައި ވެސް ފަރުވާ ކުޑަވާން ފެށީއެވެ.

"އޭރު ސޮލިއުޝަން އަކަށް ފެނުނީ ސިނގިރޭޓް ބުއިމާ ބޭރު ތެރޭ އުޅުން. އޭރު ދިމާވި ރައްޓެހިން ބުނާ ގޮތުން ސްކޫލް ކަޓުވާލާފަ ސިނގިރޭޓް ބޮއެ އެހެން އުޅޭނީ މޮޅު މީހުން. ކޫލް މީހުން. ގޭތެރޭގެ ޒުވާބު ނާހަން ބޭރަށް މި ދަނީ. ދިޔައީމަ ބޭރުން ދިމާވާ މީހުން ކިޔައިދޭ، ބުނެދޭ ގޮތަކަށް ތާ އުޅެވެން ފަށާނީ." މަސްތުގެ ކަނޑަށް ޢަރަޤު ވި ދުވަސްތައް، ކަޅާ ހުދުން އޭނާ ދިޔައީ ސިފަ ކޮށްދެމުންނެވެ.

"އޭޖުން ކުޑަވީމަ އާއެއްކޮށް ފެމެލީ ސްޓްރެސްގެ ކަންކަމާ އޭރު ޑީލް ކުރާކަށް ނޭނގުނު. ހިތްހަމަ ނުޖެހުނީމަ ވެސް، ދެރަވީމަ ވެސް އެއާ ޑީލް ކުރާނެ ގޮތް ބުނެދޭނެ މީހަކު އޭރުގަ ނެތް."

މާލޭގަ ކިޔަވަމުން ދިޔަ އާފިރްގެ އުޅުން ގޯސްވާން ފެށުމުން، އާއިލާއިން ވަނީ އޭނާގެ ކިޔެވުން އުފަން ރަށަށް ބަދަލު ކޮށްފައެވެ. އެކަމަކު އަހަރެއްހައި ދުވަހު ރަށު ސްކޫލުގައި ކިޔެވުމަށްފަހު، އަނެއްކާވެސް އާފިރް މާލެ ބަދަލު ކުރިއެވެ.

"ރަށުގަ (އެތިކޮޅު) ލިބޭ މިންވަރު ކުޑަވީމަ ކުޑަކުޑަ ބްރޭކެއް އައި. އެހެންވެ މަންމަމެން ހީކުރީ އަޅުގަނޑު ރަނގަޅުވީ ކަމަށް. އެކަމަކު އަސްލު ހުއްޓާލީކީ ނޫން. ނުލިބޭތީ ބޭނުން ނުކުރެވެނީ. އެހެންވެ މަންމަމެންނަށް ރިކުއެސްޓް ކުރީ ދެން އަޅުގަނޑު އެހެނެއް ނޫޅޭނަމޭ. އަލުން މާލެ ގެންގޮސް ދޭށޭ. އަލުން ކިޔަވާނަމޭ... "

އާފިރް އެނބުރި މާލެ އައިސް އެމް.އީ.އެސް އަށް ވަދެ، ކިޔެވުމުގެ ހަޔާތުގެ ބާކީބައި އެތަނުގައި ހޭދަކުރަން ފެށިއެވެ. ނަމަވެސް އޭރުވެސް ހަމަ މެދުކެނޑުމެއް ނެތި ދިޔައީ މަސްތުވަމުންނެވެ. ތައުލީމީ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަވީ އެ ކަހަލަ ގޮތަކަށެވެ.

"އޯލެވެލް އޮތް އަހަރު ލިބުނު ޓާމް ބްރޭކެއްގައި މި ދިޔައީ ބައްޕަމެން ރަށަށް. (އެ އެއްޗެހި) ހިފައިގެން ހަމަ ދިޔައީ ވެސް. އެ ރަށަށް ދިޔަ ދުވަހު ނޫން އޭގެ އަނެއް ދުވަހު މަސްތުވާތެކެތި ބޭނުން ކުރާ މައްސަލައެއްގައި އަޅުގަނޑު ހައްޔަރު ކުރީ. އެއީ ފުރަތަމަ ޖަލަށް ދާން ޖެހުނު ހިސާބަކީ."

2015 ވަނަ އަހަރުން ފެށިގެން ސިނގިރޭޓް ބުއިންވެސް ހުއްޓާލި ކަމަށް ބުނި -- ފޮޓޯ: އިބްތިހާލް

އާފިރް ބުނާ ގޮތުންނަމަ، މަސްތުގެ ވަބާގައި ޖެހި ކުރެވެމުން މިދަނީ ކިހާވަރެއްގެ ކަމެއްކަން ކުޑަކުޑަކޮށް ވެސް ރޭކާލީ ޖަލަށް ލީ ހިސާބުންނެވެ. އެކަމަކުވެސް ރަނގަޅުވާކަށް އޭނާގެ ހިތެއް ނޭދުނެވެ. ސަބަބުވެސް ބައިވަރެވެ.

"ޖަލަށް ލީ ހިސާބުން އަސްލު އެކަމުގެ ތެރެއަށް ބޮޑަށް ވަދެވުނީ. އެތާ ތެރޭން އަޅުގަނޑަށް ފެނުނު އެކި ކަހަލަ ކްރިމިނަލް މައްސަލަ ތަކުގައި އުޅޭ މީހުން. އެކަމަކު އެއްވެސް ކަހަލަ ޕޮސިޓިވް ތިންކިންގ އެއްގައި އުޅޭ މީހަކު އަޅުގަނޑަކަށް އެތަނަކުން ދިމައެއް ނުވޭ. ޖަލުން ނިކުމެފަ ދެން ކުރަންވީ ކަންކަމާ އުޅެންވީ ގޮތްގޮތް ބުނެދިނުމާ، ނެގަޓިވް ޕިއާ ޕްރެޝަރ ތަކެއް އައީ."

ޖަލުގައި ހުރުމުން، އެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ވެސް އާފިރަށް ބައިވެރި ވެވޭ ގޮތެއް ނުވިއެވެ. އެކަމަކު އެފަހަރު 15 ދުވަހުގެ ބަންދަކަށްފަހު އާފިރް އަލުން މިނިވަންވިއެވެ.

"އޭރު މާލޭގަ ހަފްތާއެއްގަ އުޅެފިއްޔާ ދެން އަޅުގަނޑު އަނެއް ހަ މަސްދުވަސް، އަށް މަސްދުވަސް ހޭދަކުރާނީ ޖަލުގަ. ކޮންމެވެސް ކަހަލަ ކުށަކަށް އަރައިގަނެގެން އޮންނާނީ ބަންދުކޮށްފަ. ހަމަ މި ދޫކޮށްލީ، ދެ ދުވަސް ތިންދުވަސް ވާނީ، އެ ގެންދިޔައީ." އޭރުގެ ވިސްނުން ހުންނަ ގޮތުން އެއީ މާ ބޮޑު ކަމަކަށްވެސް ނުވެއެވެ.

"އޭރުގަ ހިތަށް އަރާ ލައިފްގަ އަދި ވަގުތުވެސް އެބަ އޮތޭ. ބޭނުން ކަންކަންވެސް އަދި ކުރެވިދާނެއޭ. ހަމަ އެންމެ ފަހަރަކުވެސް ރަނގަޅުވާ ވިސްނުމެއް ނާދޭ."

އާފިރުގެ އުޅުން ހުންނަ ގޮތުން ގެންގުޅެވެން ނެތިގެން، އާއިލާއިން އަޅާ ނުލާ ހިސާބަށް ކަންކަން ގޮސް، އެންމެ ފަހުން މަގުމަތިވި އިރުވެސް އޭނާގެ ހޭ ބުއްދި އެއް ނާރައެވެ.

"އެހެންވެ ފަހުން ދެން ނިދަންފެށީ މަސްވެރިން ޕާކުގައާއި މަޖީދިއްޔާ ސްކޫލް ކުރިމަތީގަ އޭރު އޮންނާނެ ސަތަރި އަޅާފަ އޮންނަ ޕިކަޕެއް. ވާރޭ ވެހެންޏާ ނިދަނީ ޕިކަޕް ތެރޭގަ. އެއީ 2012، 2013 ހިސާބުގައި."

މިހެން އުޅެނިކޮށް، ފަރުވާއަށް ހުކުން ކޮށްފައި އޮތްކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އިން އެންގުމުން، އާފިރްގެ އެދުމުގެ މަތިން އޭނާގެ މަންމަ ދުވާލަކު ދެތިން ފަހަރު އެން.ޑީ.އޭއަށް ހިނގައިގެން، ވަރަށް މަސައްކަތުން އާފިރަށް ރިހެބަށް ދާނެ ފުރުސަތު ހޯދައިދިނެވެ.

"ރިހެބަށް ފުރުމުގެ ކުރިން އެމީހުން ދޭނެ ގެންދަން ޖެހޭ އެއްޗެހީގެ ލިސްޓެއް. މެޑިކަލް ރިޕޯޓެއް ވެސް ހައްދަން ޖެހޭނެ. އެކަމަކު މިކަމުގަ އެހީތެރިވެދޭނެ އެއްވެސް މީހަކު ނެތް އޭރަކު."

"އެ ހިސާބުން މީހަކު ކައިރި ބުނެގެން ވަޒީފާއެއް ހޯދައި، ދިވެހިބޭސް ކްލިނިކެއްގައި މަންމަ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ހަފްތާއެއް ތެރޭ މެޑިކަލް ރިޕޯޓް ހައްދަން ބޭނުންވާ -/700 ހަމަކޮށްދިން. ބޭނުންވާ އެހެނިހެން އެއްޗެހި ހަމަކޮށްދިނީ މީހުން ކައިރި ބުނެގެން، މީހުން ލައިފަ ހުންނަ އެއްޗެހި ހޯދައިގެން. އެ ހިސާބުން މަންމަ އެ ކުރި ވޯކް އަސްލު ވެލިއު ކުރަން މަޖުބޫރުވީ."

އާފިރްގެ ދިރިއުޅުމުގެ "ޓާނިންގ ޕޮއިންޓް" އަންނަނީ މި ހިސާބުންނެވެ.

"ރިހެބަށް ދާން ފުރަން ދިޔައިރު މަންމަ ހުރި އެތާ މަޖީދީމަގު ކަންމަތީ. އެގަޑީގަ ވެހިކަލްގަ އިންމީހާ ދުއްވަން އިނދެފަ އަޅުގަނޑަށް މަންމަ ދައްކާލި. އެގަޑީގަ ފެނުނު މަންމައަށް ކުރަމުން ދިޔަ އިހްސާސް. މަންމަ އެގަޑީގަ ކަރުނަ އަޅާ ރޯން ހުރި މަންޒަރު ފެނި، ވަރަށް ހިތްދަތި އިހްސާސެއް އަޅުގަނޑަށް ވެސް ކުރެވުނީ."

މި ހިސާބަށް ކިޔައިދިން ތަނުން، އާފިރްގެ އަރު ބެދުނެވެ. އަދި އިރުކޮޅެއް ވަންދެން އިނދެލާފައި، އަނެއްކާވެސް ވާހަކަ ފަށައިގަތެވެ.

"އެ ގަޑީގަ ހިތަށް އެރި އަޅުގަނޑަށްޓަކައި މަންމަ އެހާ ބޮޑު ގުރުބާނީތައް ވަމުންދާއިރު، އަޅުގަނޑުގެ އުމުރުން މިހާތަނަށް އައިއިރު ކޮންކަމެއްހޭ އަޅުގަނޑަށް ކޮށްދެވުނީ. އެ ހިސާބުން ބޭއިޚްތިޔާރުގަ އަޅުގަނޑަށް ބުނެވިއްޖެ، މިދެން ނިމުނީއޭ، މިދެން ހަމަ އަޅުގަނޑުގެ އެންމެފަހުގެ ނިންމުމޭ. އިތުރަކަށް މީގެ ތެރެއަކު އަޅުގަނޑެއް ދެން ނޫޅޭނަމޭ. އަޅުގަނޑު މަންމަ ދެން ނުޖެހޭނެއޭ އަޅުގަނޑާ ހެދި ކަރުނަ އަޅާކަށް."

މަސްތުގެ އަނދިރިކަމުން ސަލާމަތްވުމަށް، އޭނާ ވަގުތުން އަޒުމުގެ ކަމަރު ބަނދެލިއެވެ. އަދި ސިއްރުން ބޭނުން ކުރުމަށްޓަކައި ގެންދިޔަ ސިނގިރޭޓްތައް ވެސް އުކާލިއެވެ.

"2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަޅުގަނޑެއް ސްމޯކެއް ނުކުރަން."

އާ އަޒުމަކާ އެކު މަސްތުން އަރައިގަނެ، ސާދާ ދިރިއުޅުމަކަށް އާފިރް ކުރަހަމުން ދިޔަ މަންޒަރު ކުލަ ކޮށްދިނީ ރިހެބް ފަރުވާއެވެ.

"ރިހެބުގައި އޮތް ކްލާހެއްގެ ތެރެއިން ދަ ޖާރނީ (އެން.ޖީ.އޯ. އެއް) ގެ ބޭފުޅުން - އެއީ ހަމަ ކުރިން މަސްތުވާއެއްޗެހި ބޭނުންކޮށްފަ ރަނގަޅުވެފަ ތިބި ބޭފުޅުންވީމަ، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހާފަ ހިތަށް އެރީ އަޅުގަނޑަށް ވެސް އެހާ ހިސާބަށް ދެވިދާނެއޭ. އެމީހުން ވެސް ހަމަ މިހިސާބުގަ ތިބެފައޭ އެ ހިސާބަށް ގޮސް އެ ތިބީ. އެހެންވީމަ ކުޑަ މަސައްކަތެކޭ ކޮށްލަން ޖެހޭނީ"

ރިހެބްގެ ފަރުވާ ލިބި، މަސްތުގެ ދުނިޔެއިން ނިކުމެވުނީތީ މިހާރު ﷲ އަށް ޝުކުރުކުރޭ - ފޮޓޯ: އިބްތިހާލް

އެ ހިސާބުން "ކްލީން" މީހެއް ގޮތަށް އެނބުރި މުޖުތަމައުއަށް އަންނަން މަސައްކަތް ފެށީއެވެ. ފަހަތަށް ބެލުމެއްނެތި، ފަރުވާ ފުރިހަމަކޮށް، އާފިރް މަންމަ ބޭނުންވާ ކަހަލަ މީހަކަށް ވެސް ވިއެވެ. އަދި އޮން ދަ ޖޮބް ޓްރެއިނީއެއް ގޮތުގައި ރިހެބް ސެންޓަރުގައި ދެތިން އަހަރު މަސައްކަތް ވެސް ކުރިއެވެ.

"އެން.ޑީ.އޭ އާއި ޖާނީ ތްރޫކޮށް ކުދިންނަށް ފަރުވާގެ ކަންކަމުގެ އެހީތެރިވާން ފެށީ. ފޯމުތައް ލައިދިނުމާ ފަރުވާ ހޯދުމަށް ކަންކުރަން ވީ ގޮތް ބުނެދިނުމާ، އެކަހަލަ ކަންކަމުގައި މިހާރުވެސް މިއުޅެނީ ހަމަ."

އެހެންވެ، 2022 ވަނަ އަހަރު ދިން 'މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް' ވެސް އާފިރަށް ލިބުނެވެ.

އެކަމަކު އެ ޝަރަފް ލިބިގަނެފައި ވެސް އޭނާ ބުނީ މިހެންނެވެ؛

"މަސައްކަތް ކުރަނީ އެވޯޑަކަށް ނޫން. ބޭނުންވަނީ މުޖުތަމައުގައި ބޭނުންތެރި މީހަކަށްވާން. މިހާރު މުޖުތަމައުގެ ގިނަ މީހުން އަޅުގަނޑު ބަލައިގަންނަކަން އިހްސާސް ކުރެވޭ."

"އަދި އަޅުގަނޑު ނިންމިން ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވިޔަސް، ދެން އަޅުގަނޑު މަސްތުވާ އެއްޗެހި ބޭނުން ކުރަން ޖެހޭ އިތުރު ރީޒަނެއް ނޯންނާނެއޭ."

އެހެން ބުނީ، ފުރަތަމަ ކައިވެނި ރޫޅުމުން ވެސް، އެނބުރި މަސްތުގެ އަނދަވަޅަށް ނުވެއްޓުމަށްޓަކައި، އަޒުމާއެކު އޭނާ މަސައްކަތް ކުރި ވާހަކަ ކިޔައިދެމުންނެވެ.

މިހާރު އާފިރް މަސައްކަތް ކުރަމުން އެ ދަނީ ފަހުން ކުރެވުނު ދެވަނަ ކައިވެންޏާއެކު، އޭނާގެ ކިލަނބުވި ހަޔާތުން މިންޖުވެ، އާ ހަޔާތެއްގެ ކުރި ރޯ ކުރެވޭތޯއެވެ. އަލުން ކިޔަވަން ފަށާ، ރަނގަޅު ހަރުދަނާ ވަޒީފާއެއް ހޯދައިގެން، ގެއްލުނު އުފާވެރިކަމަށް އެ ހަޔާތުން ޖާގަ ދޭށެވެ.

"މަންމަ މިހާރު ބޭނުމެއް ނުވޭ އޭރުގެ އެ ހަނދާންތައް އާ ކުރާކަށްވެސް. މަންމައަށް ބޮޑު ޕެއިން އަކަށް ވަނީ އެ ދުވަސްތައް. އެކަމަކު މިހާރު މަންމަ ޔަގީން ކުރޭ އަޅުގަނޑު ދެން އެކަހަލަ ކަމެއް ނުކުރާނެކަން." އުފަލުން ހުރެ އާފިރް ބުންޏެވެ.

އޭނާ އަކީ ހަމަ ލާމަސީލް މިސާލެކެވެ. ޒުވާން އުމުރުގެ ބޮޑުބައި، މަސްތީ، ވޭނީ، އެކަހެރި ދުނިޔޭގައި ވޭތުވެދިޔަސް، އޭނާ ފަދައިން އެހެން ކުދިން އެ މަގުން ނުހިނގާ ވޭތޯ އެދަނީ މަސައްކަތް ކޮށްދެމުންނެވެ.

"އަސްލު މިހާރު އަޅުގަނޑު އޭރު ލައިފްގަ އެ ދިމާވި ކަންކަމާ ރިގްރެޓެއް ނުކުރަން. މިހާރު އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، އެ ދުވަހު އަޅުގަނޑަށް އެހެން ކަންތައްތައް އެ ދިމާވެގެން، ސްޓްރޯންގް މީހެއްގެ ގޮތުގައި ސޮސައިޓީ ތެރޭގައި އުޅުމުގެ ފުރުސަތޭ ﷲ ސުބުހާނަހޫ ވަތައާ އެ ފަހި ކޮށްދިނީ. އެތައް ބަޔަކަށް ފިލާވަޅަކަށް ވެގެން ގޮއްސިއޭ އެ ކަންތައްތައް. އެހެންވެ، ވަރަށް ޕޮސިޓިވްކޮށް ވިސްނަނީ."

އިންޓަވިއުގެ ރިކޯޑިންގ އޮފް ކޮށްލިފަހުން ވެސް، ތެދުވެގެން ދަމުން އެންމެ ފަހު ވާހަކައަކަށް އާފިރް ބުނީ މިހެންނެވެ؛

"އަސްލު އެން.ޑީ.އޭ އަކީ ފަރުވާގެ 99 ޕަސެންޓް. އެން.ޑީ.އޭ އެހީ ނުވިނަމަ މިއަދު މިހެން (ރަނގަޅު މީހެއް ގޮތަށް) ނުހުރެވުނީސް"

Ads by HDC
  1. ޢަލީ

    ރީހެބަކީ ލައިފް ކޯޗުން ލާންވީ ތަނެއް. ޢިންޑިވިޖުއަލް ލެވެލްގައި މީހުނަށް މޯޓިވް ދައްކައިދޭންވީ ތަނެއް. ޢެކަމަކު ރާއްޖޭގައި ހަދާފަ ހުރީ ބޭކާރު ތަނެއް! މީހުން ހުއްޓާލަނީ އަމިއްލަ އަށް ބޭނުންވެގެން. މީހުން ހުއްޓާލީމަވެސް ކަމަކު ނުދާނެދޯ! ޢެއިރަށް ގޭންގްތައް ކޮންޓްރޯލް ކިހިނެއް ކުރާނީ! ގޭންގް ކޮނއޓްރޯލް ނުވަންޏާ ޕޮލިޓިކްސް ނުކުޅެވޭނެ ދޯ!