ދުނިޔެ

ޗައިނާއިން ޓައިވާނަށް އަރާފާނެ ކަމުގެ މާބޮޑު ބިރެއް ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓައިވާން ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވީނަމަވެސް އެގައުމުން ކައިރި މުސްތަގުބަލެއްގައި ޓައިވާނަށް އަރައި އެގައު ހިފުމުގެ މަސައްކަތްކުރާނެ ކަމަށް ނުބެލެވޭކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

އޮސްޓިން މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެގޮތުން އޮސްޓިން ވަނީ ޓައިވާން ސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ވައިގެ ހަރަކާތްތަކާއި ކަނޑުމަތީގެ ހަރަކާތްތައްވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ހަރަކާތްތައް އިތުރުވިޔަސް އެގައުމުން ޓައިވާނަށް އަރައިފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލުނުކުރެވޭ ކަމަށް އޮސްޓިން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާނާ ކައިރި ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރީ ތަމްރީން ޕްރޮގްރާމްތައް ހިންގުން އިތުރުކޮށްފައެވެ. ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވާން ފެށުމާއެކު އެކަމަށް ނުރުހުން ފާޅުކޮށް، އެގައުމަށް އަމާޒުކޮށް ހަމަލާދީ އެގައުމަށް އަރަން މަސައްކަތްކޮށްފިނަމަ މަޑުން ނޯންނާނެކަމަށް ބުނެ ޓައިވާންގެ ސަރުކާރުންވެސް ވަނީ އިންޒާރު ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!