ކޮރަޕްޝަން އިތުރުވެ، ޕްރޮޖެކްޓުތައް ނުހިނގިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯވޭ: ރައީސް ނަޝީދު
ކޮރަޕްޝަން މެދުވެރިކޮށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ޕްރޮޖެކްޓުތައް އެވޯޑުކޮށް، އެޕްރޮޖެކްޓުތައް ނުހިނގީމައިވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ރޭ ލ.ގަމުގައި ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ނަރުދަމާގެ ނިޒާމުތައް ހަދަން މީގެ ދެތިން އަހަރު ކުރިން ފަށައިފައިވާ ކަމަށެވެ. އެހެންނަމަވެސް މިމަޝްރޫޢުތައް ނިންމޭ ތަން ނުފެންނަކަމަށާއި ރަށްތައް ކޮނެލަ ކޮނެލާ ސަރުކާރުން ތިބެނީ ކަމަށް ވިދާޅުވިއެވެ.
ބައެއް ފަހަރު ކޮންޓްރެކްޓު ހަވާލުކުރާ ކުންފުނިން މަސައްކަތް ހުއްޓާލާފައި ދާތަން ފެންނަކަމަށާއި އެހެންނަމަވެސް އެ ކޮންޓްރެކްޓް ބާތިލްކޮށްފައި އެހެން ބަޔަކަށް އެކަން ހަވާލުކުރެވޭގޮތް ސަރުކާރަށް ނޯންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތަށް ކަން ހިނގައި ވައުދު ނުފުއްދުނީމައި އެމްޑީޕީ މެމްބަރުން ކަންބޮޑުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރުއްސުމަށްޓަކައި އެބޭފުޅުންނަށް މިހުންނަނީ އެބޭފުޅުން ހިމެނޭ ކުންފުނިތަކަށް ކޮންޓްރެކްޓް ދީފައި. ދެ މިކޮންޓްރެކްޓުތައް އެބޭފުޅުން ބައެއް ފަހަރަށް ސަބް ކޮންޓްރެކްޓު ކުރޭ އެހެން ފަރާތަކަށް. އެހެންވީމާ މަސައްކަތް ނުހިނގީމާވެސް މީގެން ކޮންޓްރެކްޓެއް ޓާމިނޭޓުކޮށް އުވާލާ އާ ކޮންޓްރެކްޓެއް ގާއިމް ކުރެވި މަސައްކަތް ކުރިއަށް ގެންދެވޭނޭ ގޮތް މިއޮންނަނީ ނުވެފަ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ގިނަ މަޝްރޫއުތައް ކުރިއަށް ނުދަނީ މި ހުތުރު ސަބަބަށްޓަކައި ކަމަށެވެ. އަދި މިއީ އެމްޑީޕީ މެމްބަރުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީ މެމްބަރުން ބޭނުންވަނީ ސާފުކޮށް ދެފުށް ފެންނަ ގޮތަށް ކޮންޓްރެކްޓު ކުރެވި މަޝްރޫއުތައް ހިނގަމުންދާތަން ކަމަށާއި އެމަސައްކަތް ގޮސް ނިންމާލެވޭތަން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފ އެވެ. މަޝްރޫއުތަކަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ވަދެ ހުއްޓުމަކީ އެމްޑީޕީ މެމްބަރުން ބޭނުންވާނެ ގޮތެއް ނޫންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްސަކޮށް ކޮރަޕްޝަންގެ ވާހަކައާއި ތަރައްގީ ސްލޯކަމުގެ ވާހަކަ އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރައްވައެވެ. ރައީސް ނަޝީދު ސިފަކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ގިނަ ވައުދުތައް ނުފުއްދެއެވެ.