އިޤްތިޞާދު ހިނގައި ގަނެގެން ނޫޅެނީ ރައީސް އޮފީހުގައި އެ އިލްމުގެ ބޭފުޅުން ނެތުމުން: ރައީސް ނަޝީދު
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު މިސްރާބަކަށް ނުގޮސްގެން އުޅެނީ، އެ އިލްމު ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ޖާގަ ދެވިފައިނުވާތީ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިންގައި މުލަކަތޮޅު މުލަކަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގައި އިޤްތިޞާދީ އިލްމަށް ފަރިތަ ބޭފުޅުން ތިއްބެވި ނަމަވެސް ސަރުކާރުން އެ ބޭފުޅުންނަށް ޖާގަ ދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިޤްތިޞާދީ ހަރަކާތްތެރިކަން ގެންނާކަށް ނޭނގުނު. އަޅުގަނޑު ދަންނަވާލާނީ އެކަން ނުވެ މިއޮތީ، އަޅުގަނޑުމެންނަށް އެމްޑީޕީ ސަރުކާރެއް ހިންގިގެން ނުދާތީ، އަދި ކުރާން މިއުޅޭ ކަންކަމުގެ އިލްމާއި، އޭގެ ތަޖުރިބާއާއި އޭގެ ފަލްސަފާ - އަޅުގަނޑުމެންގެ ޕާޓީގައި އެބައޮތް - އެެހެންނަމަވެސް ސަރުކާރުގައި ނީންނާނެ ނޫންތޯ، ރައީސް އޮފީހުގައި އެ ތިއްބަވަނީ އެމްޑީޕީއާ ވަރަށް ބީރައްޓެހި ބޭފުޅުން." ރައސް ނަޝީދު ވިދާޅުވީ، ރައީސް އޮފީހުގައި ތިއްބަވާ ބޭފުޅުންނަށް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒް ކުރަން ނޭނގޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދައްކާ ވާހަކައާވެސް އެ ބޭފުޅުން ވަރަށް ބީރައްޓެހި. އިޤްތިޞާދީ އިލްމާ ވެސް އެ ބޭފުޅުން ބީ ރައްޓެހި. ވިޔަފާރިއެއް ކުރިއަރުވަން އުޅުމާވެސް ބީރައްޓެހި"
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ހިނގަމުން މިދާ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި މިއީ އިއްތިހާދުގެ ސަރުކާރެއް ކަމަށެވެ. އަދި ކަންކަން ނުވެގެން އުޅެނީ އެމްޑީޕީ ފިކުރުގެ ފަރާތްތަކަށް ފުރުސަތު ނުދެއްވާތީ ކަމަށް ވިދާޅުވިއެވެ.
"ގިނަ ބޭފުޅުންނަކީ ވަރަށް ރީތިކޮށް ބޮޑު އަކުރުން ލިޔުއްވާ ބޭފުޅުން. ވަރަށް ރަނގަޅު އެ އިލްމަށް. ނަމަވެސް ޤައުމެއް ހިންގާކަށް ބޮޑު އަކުރުން ލިޔުއްވާ ބޭފުޅެއް ނޫން އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީއެއް. އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީ އިޤްތިޞާދީ އިލްމުގެ ބޭފުޅުން، އަދި އިޖްތިމާއީ ކަންކަން ހިންގާ ބޭފުޅުން، ބޭނުންވަނީ ވިޔަފާރި ކުރި އަރުވައިދޭނެ ބޭފުޅުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހު 28 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙެވެ.
އިގްތިސާދަށް މިކަލޭގެ މޮޅުކަމުން މެރިޓައިމް ކިޔަވައިގެން އައިސް ހަވާލުވި ކުންފުންޏާއި ވަޑާންގެ އާއި ގައުމުވެސް ވީ ބަގުރޫޓް