ދުނިޔެ

ޗައިނާގެ ކޮވިޑް ހާލަތުގެ ސަބަބުން އަސަރެއް ނުކުރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދިޔަ ނަމަވެސް، އެ ކަމުގެ ބޮޑު އަސަރެއް ވިލާތުގެ ޤައުމުތަކަށް ކުރާނެ ކަމަށް ނުބެލެވޭ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެފިއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބެއިޖިންގްއިން ދޫކޮށްލުމާ އެކު، ބަލީގެ ކޭސްތަކުގެ އަދަދު ކޮންޓްރޯލް ނުކުރެވޭ މިންވަރަކަށް އިތުރުވެ، އެ ޤައުމުގެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ.

Ads by WAMCO

މި ކަމުގެ މާ ބޮޑު އަސަރެއް ވިލާތުގެ ޤައުމުތަކަށް ކުރާނެކަމަށް ނުބެލެވޭ ކަމުގައި ވިލާތުގައި ހުންނަ ޑަބްލިޔު.އެޗް.އޯ.ގެ މައި އޮފީހުގެ ޑިރެކްޓަރ ހާންސް ކްލޫގަރ ވިދާޅުވިއެވެ. ނަމަވެސް، މި ކަމާ މެދު އަޅައިނުލައި ތިބެވެން ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޑަބްލިޔު.އެޗް.އޯ.ގެ ވިލާތުގެ ޤައުމުތަކުގެ ތެރޭގައި 53 ޤައުމު ހިމެނެއެވެ. މީގެ ތެރޭގައި ރަޝިޔާގެ އިތުރުން މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތައް ވެސް ހިމެނެއެވެ.

ކްލޫގަރ ވިދާޅުވީ، ޗައިނާގެ ދަތުރުވެރިންނާ މެދު ބައެއް ޤައުމުތަކުން އަމަލުކުރަމުން ދަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ، ޗައިނާއިން ފުރައިގެން ދަތުރު ކުރާ ފަސިންޖަރުން ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހެޅުމަށް ބައެއް ޤައުމުތަކުން މަޖުބޫރުކުރަމުންދާތީ، އެ ނިންމުމަށެވެ. އޭނާ ވިދާޅުވީ، ސައިންސްގެ ހޯދުންތަކުގެ އަލީގައި މެނުވީ، މި ފަދަ ފިޔަވަޅުތައް އެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމުގައެވެ. އަދި، މިއީ ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް މި ފަދަ ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، އިޓަލީ ވިލާތް، ސްޕެއިން، ޤަޠަރު، އިސްރާޢީލް، އަދި އިންޑިޔާގެ އިތުރުން ޗައިނާގެ އަވަށްޓެރިން ކަމުގައިވާ ދެކުނު ކޮރެޔާއާއި ތައިވާނާއި ޖަޕާނު ވެސް ހިމެނެއެވެ. ވައިގެ އުދުހުންތަކާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ (އިޔާޓާ)އިން ވެސް ވަނީ މި ނިންމުމަށް ފާޑުކިޔާފައެވެ.

އެ ޖަމުޢިއްޔާއިން ބުނީ ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ބައެއް ޤައުމުތަކުން އަޅާފައި ވަނީ ޤަބޫލުކުރަން ދަތި، އަދި ހަމަނުޖެހޭ ފިޔަވަޅުތަކެއް ކަމުގައެވެ. އަދި މިއީ އަވަސްއަރުވައިލައިގެން ނިންމާފައިވާ ނިންމުންތަކެއްގެ ގޮތުގައި ސިފަކޮށް، އެ ޖަމުޢިއްޔާއިން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ނަތީޖާއެއް ހާސިލުވާނެ ކަމަށް ނުބެލެވޭ ކަމުގައި ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!