ވައުދުތައް ނުފުއްދާ އަނެއްކާ އަނެއް އިންތިހާބަށް ނުކުމެ އެ ވާހަކަތައް ދެއްކުން ބަލައެއް ނުގަނެވޭ: ރައީސް ނަޝީދު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް އަނުމައްޓަކައި ވީ ވައުދުތައް ނުފުއްދައި އަނެއްކާ އެވާހަކަތައް ދެއްކުން ބަލައިނުގަނެވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އާމްދަނީ ހުރީ ކުރާ ހަރަދާ ނުބައްދަލު މިންވަރަކައް ކަމަށެވެ.
އަދި ސަރުކާރެއް އުފައްދަން ޖާގަ ހޯދަނީ ހުށަހަޅާ ހުށަހެޅުންތަކުގެ މައްްޗަށް ބިނާކޮށް ކަމަށާއި މި ސަރުކާރުންވެސް ގިނަ ވައުދުތައްވި ނަމަވެސް ރައްޔިތުންނަށް އިންތިހާބުގެ ކުރިން ހުށަހެޅި މެނިފެސްޓޯއާ އެއްގޮތަށް މި ސަރުކާރަށް ވައުދުތައް ފުއްދިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެމްޑީޕީ ކޮންމެ ފަހަރަކު އިންތިހާބަށް މި ނުކުންނަނީ ވައުދުތަކަކާ އެކު. އެ ވައުދުތައް ނުފުއްދައި އަނެއްކާ އަނެއް އިންތިހާބަށް ނުކުމެ ހަމަ އެ ވާހަކަތައް ދައްކަން ފެށީމާ އެކަން ރައްޔިތުން ބަލައެއް ނުގަނޭ. އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންވެސް މިބާވަތުގެ ކަންކަން ބަލައެއް ނުގަނޭ” ނަަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށާއި ކުރެވެންހުރި ކަންތައްތައް ކުރެވެން ހުރީ ކިހާ ވަރަކަށްތޯ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.