ޚަބަރު ސިޔާސީ

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ މައްޗަށް ދެ ދަޢުވާއެއް ޘާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވެވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެެވެ. އެ ދުވަހު އެ މަނިކުފާނު މާފުށި ޖަލަށް ބަދަލު ކުރުމާއެކު، އިދިކޮޅުން އަންނަނީ ކޮންމެ ރެއަކުވެސް އެއްވެ، އެމީހުންގެ ލީޑަރު މިނިވަން ކުރުމަށް ގޮވައިލަމުންނެވެ.

އާދަމް ޝަރީފު ވިދާޅުވީ ނުހައްޤުން ރައީސް ޔާމީން ޖަލަށް ލުމުން، އިޙްތިޖާޖު ކުރަމުން އަންނަތާ، ރެއާ ހަމައަށް 25 ދުވަސްވީ ކަމަށެވެ.

"ރެއަކަށްވުރެ ރެއެއް މީހުން ދަނީ އިތުރުވަމުން. ރަށްރަށުގައިވެސް އިޙްތިޖާޖު އެބަ ކުރޭ. ސަރުކާރަށް އެނގޭވަރުވޭ."

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ވަންދެން، އިދިކޮޅުން މިކަމުގައި ޘާބިތުކަމާއެކުގައި ދެމިހުންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ، ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ޤަބޫލުކުރައްވައި، މަނީ ލޯންޑަރ ކުރެއްވި ކަމަށް ތުހުމަތުކޮށް، ދަޢުލަތުން އުފުލި ދަޢުވާތައް ޘާބިތުވާ ކަމަށް ކަނޑައެޅުއްވުމުންނެވެ. އެ މަނިކުފާނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްވެސް މެއެވެ. ޖަލު ޙުކުމާއެކު މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު، ރައީސް ޔާމީނަށް ގެއްލިފައިވާއިރު، އެ މަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވަނީ އިސްތިއުނާފީ ކޯޓަށް މައްސަލަ ހުށަހަޅައި، ރައީސް ޔާމީން މިނިވަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!