ޚަބަރު ސިޔާސީ

ރައީސް ނަޝީދު ވިދާޅުވަނީ، އުތުރުން ރައީސް ޞާލިޙަށް ތާއީދެއް ނެތްކަން ސާފު ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ ޓީމާއެކުގައި--

އުތުރުގެ ރަށްރަށުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ނެތްކަން، މިހާރު ސާފުވާނެ ކަމަށް  މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ "ފިކުރެއްގެ ދިރުން" ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން، މިއަދު ގދ.ހޯނޑެއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ދަތުރު ކުރަމުން ދަނީ،  ޕްރައިމަރީން މޮޅުވުމުގެ ފަހު ބުރަށް ކަަމަށާއި ހުވަދޫ އަތޮޅުގެ ދަތުރަށްފަހުގައި ދެން އޮތް މަންޒިލަކީ އައްޑޫ ސިޓީ ކަމަށެވެ.

"މިއާ އެކީ އެ ބޭފުޅުންނަށް ސާފުވާނެ މި ކަން ވާން ނެތްކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، ސަރުކާރުގެ ވަޒީރުންނާއި، މިނިސްޓްރީތަކުގެ ނައިބުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ މެންބަރުން އެމަނިކުފާނާ ގުޅިވަޑައިގަތުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިފަދައިން އިލްތިމާސް ކުރެއްވިއިރު، ހުވަދު އަތޮޅުގެ ރަށްރަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ނަޝީދުގެ އަރިހުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީީީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު މި އަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމެވީ އެމްޑީޕީން ވެފައިވާ ވަޢުދުތައް ނުފުއްދޭތީ ކަމަށެވެ. އަދި މަޝްރޫޢުތައް ނުނިންމި، "އަންނަނީ އަންނަނީ"ގައި ހުންނަ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ، އެމަނިކުފާނުގެ މިތުރު، ރައީސް ޞާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!