ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ ސަބަބުން ރަށުގެ މުޖުތަމައުގެ ކުރިއެރުމަށް ހެޔޮ އަސަރެއް ކުރާނެ: ޝާހިދު
އިންޑިއާގެ ހިލޭ އެހީގެ ދަށުން ފަހިކޮށްދިން ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ ސަބަބުން ރަށުގެ މުޖުތަމައުގެ ކުރިއެރުމަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު އިފްތިތާހު ކުރުމަށް މިއަދު ފޯކައިދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ހުޅުވި ކޮމިއުނިޓީ ސެންޓަރުގެ ސަބަބުން ހުރިހާ އުމުރުފުރައަކަށް ވެސް ތަފާތު ހަރަކާތްތައް މެދުވެރިކޮށް މުޖުތަމައުގެ މެދުގައި މުއާމަލާތް ކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގަކީ 5.2 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ 2019 ވަނަ އަހަރު އިންޑިއާއިން ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ސްކީމްގެ ދަށުންނެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ މި މަހުގެ 18 އިން 19 އަށް ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.