ރައީސް ނަޝީދަށް މަރުޙަބާ ކިޔަން ފުވައްމުލަކުން ޕީޕީއެމް މީހުން ނެރެން ރާވަމުންދާ ކަމުގެ އަޑުގަދަވެއްޖެ
އެމްޑީޕީ ޕްރައިމަރީގައި ކެންޕެއިނަށް ރައީސް މުޙައްމަދު ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުން އިދިކޮޅު ޕީޕީއެމް މެންބަރުން ނެރެން ރާވަމުންދާ ކަމަށް ތުހުމަތުކުރަން ފަށައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙް ވަނީ ކެންޕެއިން ކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވާފައެވެ. މިވަގުތު ރައީސް ނަޝީދު ހުންނެވީ އައްޑޫގައެވެ. ރައީސް ނަޝީދަށް ބޮޑު ތަރުޙީބެއް މީގެ ކުރިން އޮންނަ އައްޑޫއިން އެމަނިކުފާނަށް އެހާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ރައީސް ނަޝީދު އެއަތޮޅަށް މަރުޙަބާ ކިޔަން މާ ގިނަ ފަރާތްތަކަކުން ނިކުމެފައެއް ނުވެއެވެ. އަތޮޅު ތަކުން ރައީސް ނަޝީދަށް މާބޮޑު ތަރުހީބެއް ލިބޭތަނެއް މި އިންތިޚާބުގެ ތެރެއިން ފެނިގެނެއް ނުދެއެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވަނީ މާދަމާއެވެ. ރައީސް ނަޝީދުގެ ކެންޕެއިން ދަތުރުފުޅު ފައްޓަވާފައިވަނީ ވެސް ފުވައްމުލަކުންނެވެ. އެ ރަށަށް ދެފަހަރު ވަޑައިގަންނަވާ ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. އެމަނިކުފާނުގެ ކެންޕެއިން ނިންމުމުގެ ޖަލްސާ އޮތީ 26 ވަނަ ދުވަހުގެ ރޭ މާލޭގައެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުން އިތުރު ކުރަން ޕީޕީއެމް އިން މަސައްކަތްޕުޅު ކުރައްވާ ކަމަށް ތުހުމަތުކޮށް އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންތަކެއް ނެރެ ބައިބޯކުރަން ރައީށް ނަޝީދުގެ ޓީމުން މަސައްކަތް ފައްޓަވައިފިކަމަށް މައުލީމާތު ލިބޭ ކަަމެވެ. އެއީ އިއްޔެ އައްޑޫގައި ލިބުނު ފިނި ތަރުހީބާއި ގުޅިގެން ކަމަށާއި ފުވައްމުލަށް އަދި މާލޭ ޖަލްސާއަށް މީހުން ގިނަ ކުރަން ޕީޕީއެމް ލީޑަރޝިޕާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މި ކެންޕެއިން ފެއްޓެވި ފަހުން، އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ރައީސް ޞާލިޙް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ރައީސް ޞާލިޙް ވެސް ވަނީ އެމްޑީޕީ ޕްރައިމަރީއެއްގެ ކަންކަމަށް އިދިކޮޅުން ވަންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިއަދު އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭކަމަށެވެ.
"މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭ. ވިސްނަވަން ވާނެ އެކަމާ ދޭތެރޭގައި ބޭނުމަކީ ކޮބައިކަން އޭގެ ބައެއް ރަށްރަށުން މިހާރު އެމަންޒަރު ފެންނަމުން އެބަދޭ ތިބޭފުޅުން ވިސްނަވަން ވާނެ އޭގެ މަގްސަދަކީ ކޮބައިކަން" ރައީސް ޞާލިޙް ވިދާޅުވީ އިދިކޮޅުން އެގޮތަށް ކަން ކުރަމުން އަންނަނީ މި އިންތިޚާބުގައި ކިރިޔާވެސް ވާދަކޮށްލެވެން އޮތީ އެގޮތަށް ކަންކަން ކޮށްގެން ކަމަށް ވާތީ ކަމަށެވެ.