ނަޝީދަށް ތްރެޓެއް ނެތް, ޖަލްސާ ދޫކުރައްވާ ވަޑައިގަތީ ކައިރީ މުޒާހަރާ ކުރާތީ ކަން ހާމަވެއްޖެ
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިން ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާ ކުރުކޮށްލެއްވީ ސެކިއުރިޓީ ތްރެޓެއް އޮވެގެން ނޫންކަން ހާމަވެއްޖެއެވެ.
މީގެ ކުރިން “ދެން”އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ކެންޕެއިން ޓީމުގެ ބޭފުޅަކު ވިދާޅުވީ, ޖަލްސާ ދޫކުރައްވާ ރައީސް ނަޝީދު ވަޑައިގަތީ ސެކިއުރިޓީ ތްރެޓް ހައި ވުމުން ކަމަށެވެ.
ނަމަވެސް “ދެން”އަށް އިނގިފައިވާ އެގޮތުގައި ރައީސް ނަޝީދު ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވަން އެމްއެންޑީއެފްއަކުން ނާންގައެވެ. އަދި ވަޑައިގެންފައިވަނީ އަމިއްލައަށް ފެނިވަޑައިގެންނެވެ,
ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަފުޅު ދެއްކެވުމަށްފަހު, ރައީސް ނަޝީދު ވަނީ ކުއްލިއަކަށް އެތަން ދޫކުރައްވާ ވަޑައިގެންފައެވެ.
ރައީސް ނަޝީދު ކެންޕެއިން ޖަލްސާ ކުރަމުން ދިޔަ ވަގުތު, އެ ސަރަހައްދު ކައިރީ ހުންނަ ޕީޕީއެމް އޮފީހާ ދިމަލުގައި އިދިކޮޅު ޕީޕީއެމްއިން ދިޔައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގައި ފުލުހުން ވަނީ ޕެޕަރސްރޭ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދު ޖަލްސާ ދޫކުރައްވާ ވަޑައިގަތީ, އެ ސަރަހައްދުގެ ކައިރީގައި މުޒާހަރާ ކުރާތީ ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބިފައިއެވެ.
ފުލުހުން ވެސް ވިދާޅުވީ, އެފަދަ ތްރެޓެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އަދި އެފަދަ މައުލޫމާތެއް އެމްއެންޑީއެފް އިން ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ.
ރައީސް ނަޝީދަށް މިދިޔަ އަހަރު މެއި މަހު ދެވުނު ބޮމުގެ ހަމަލާއަށްފަހު, އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ރައީސް ނަޝީދު ކެންޕެއިން ފެށުނު ފަހުން ގެންދަވަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ. ނަމަވެސް އިދިކޮޅުން ބުނަމުން އަންނަނީ ރައީސް ނަޝީދާއެކު މަސައްކަތްކުރަން އެ ބޭފުޅުން ތައްޔާރު ނޫން ކަމަށެވެ.