ރާހުލް ގާންދީގެ ހިނގާލުން ނިންމާލައިފި
ރަތް ޖޯޅޯ ޔަޓްރާ ނުވަތަ އިންޑިއާ އެކަތިގަނޑަކަށް ނަމުގައި ފެށި 3500 ކިލޯމީޓަރުގެ ހިނގާލުން ފިނި ބޯ ކަޝްމީރުން ނިންމާލައިފިއެވެ.
އިންޑިއާގެ އެންމެ ދެކުނު ތަނޑީގައި އޮންނަ ޓެމިލް ނާޑޫގެ ކަންޔާ ކުމާރީން ފެށި ހިނގާލުން، 14 ސްޓޭޓެއް ހުރަސްކޮށް، އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުން ނިންމާލި އިރު އެތައް ހާސް މެންބަރުންނަކާއި، ސިވިލްސާވަންޓުންނަކާއި، އެކިއެކި ޖަމާއަތްތަކުގެ ވެރިންނާއި، ބައެއް ލީޑަރުންނާއި ފިލްމް ސްޓާރުން ހިނގާލުމުގެ އެކި މަރުހަލާތަކުގައި ބައިވެރިވެފައި ވެއެވެ. އެކި ސްޓޭޓްތަކުގައި މަޑުކުރަމުން، ތަގުރީރު ކުރަމުން، އެކިއެކި ބައްދަލުވުންތަކާއި އިވެންޓްތައް ބާއްވަމުން ކަޝްމީރާ ހަމައަށް ފޯރީ 150 ދުވަހުންނެވެ.
މިއީ އިންޑިއާގެ ކުރީގެ ބާނީ މަހާތުމާ ގާނދީއަށް ފަހު މުޅި އިންޑިއާ ކަވަރު ކުރާ ބޮޑު ހިނގާލުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އިނގިރޭސި އިސްތިއުމާރު ނިމި 1947 ގައި އިންޑިއާ މިނިވަން ވީއްސުރެ އެގައުމުގައި ވެރިކަން ކުރަމުން އައި ގާނދީ ދަރިކޮޅަށް 2014 ގައި ވެރިކަން ގެއްލުނު ފަހުން އާންމުން ބައިވެރިވާ މިފަދަ ބޮޑު އިވެއްޓެއް ބޭއްވިފައެއް ނުވެއެވެ. 2014 ގައި ވެރިކަމަށް އައި ބީޖޭޕީ ނުވަތަ ވަތަނީ ވިސްނުން އިސްކުރާ އެ ޕާޓީ، އިންޑިއާގައި ބާރުގަދަވެ، ކޮންގްރެސްމަނުންގެ އަޑު ދަނީ ފަނޑުވަމުންނެވެ. ހަބަރުތައް ބުނާގޮތުން 31 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީ ހިމެނޭ އިންޑިއާގައި ކޮންގްރެސް ޕާޓީއަށް ސާފު މެޖޯރިޓީއެއް މިހާރު ލިބެނީ އެންމެ 3 ސްޓޭޓަކުންނެވެ.
މުރާސިލުން ބުނާ ގޮތުން، އިންޑިއާ އެކަތިގަނޑަކަށް ހަދާ މި ބޮޑު ހިނގާލުމުގެ ސަބަބުން، އަންނަ އަހަރު އޮންނަ އާންމު އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ރަނގަޅު ނެތީޖާއެއް ނެރެވިދާނެއެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި، ކޮންގްރެސް ޕާޓީގެ ތެރޭގައި އޮންނަ އާއިލީ ވެރިކަމުގެ ސިފައާއި ސާފު ސިޔާސަތެއް ނެތުމުން، އެ ހިނގާލުމުން ބާ ބޮޑު އަސަރެއް ނުކުރާނެއެވެ.
ރާހޫލް ގާނދީ ލީޑަރަކަށް ހުންނަވައިގެން ކޮންގްރެސް ޕާޓީން އިންތިޒާމް ކުރި އެ ހިނގާލުމާ ގުޅޭ ގޮތުން ވެރިކަން ކުރާ، ނަރެންދްރަ މޯދީގެ ޕާޓީ، ބީޖޭޕީން ބުނީ، އެއީ އާންމުުންގެ މެދުގައި ގާނދީންނާ މެދު އޮތް ތަސައްވުރު ބަދަލުވާނެ ކަމަށް ހީކޮށް ހިންގި ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ. އަދި އެ ހިނގާލުމަކީ އިދިކޮޅު ކޮންގްރެސްމަނުން ނުވަތަ ކޮންގްރެސް ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ވުރެ ބޮޑަށް ރާހޫލް ގާނދީ މަޝްހޫރު ކުރަން ހިންގި ހަރަކާތެއް ކަމަށާއި އެކަމެއް ކޮންގްރެސް ޕާޓީން ކުރާތާ މަސްތަކެއް ވެއްޖެ ކަމަށެވެ.
ހިޔާލު ހޯދުމުގެ ނަތީޖާތައް ބުނާ ގޮތުން، އެ ހިނގާލުމަކީ ތާކުންތާކު ނުޖެހޭ އަދި ރާހޫލްގެ މަގުބޫލުކަން އިތުރު ކުރަން ކުރި ކަމެއް ކަމަށް 13 ޕަސެންޓް މީހުން ބުނާ އިރު، 29 ޕަސެންޓް މީހުން ބުނަނީ އެއީ މުހިންމު ހިނގާލުމެއް ކަމަށާއި އެ ހިނގާލުމުގެ ހެޔޮ ބަދަލު ފެންނަ ކަމަށެވެ. އިންޑީއާ ޓްޑޭއިން ކުރި މި ސާވޭގައި 37 ޕަސެންޓް މީހުން ބުނި ކަމަށް ވަނީ އެ ހިނގާލުމުން ކުރިއަށް އޮތް ވޯޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އެހެން ބައެއް ހަބަރުތައް ބުނާ ގޮތުން، 2014 ގައި ބީޖޭޕީ ވެރިކަމަށް އައުމަށް ފަހު އެ ޕާޓީގެ މަގުބޫލުކަން އިންޑިއާގައި ދަނީ އިތުރު ވަމުންނެވެ. އެގޮތުން 2014 ގައި 31 ޕަސެންޓް ލިބުނު ބީޖޭޕީ އޭގެ 5 އަހަރު ފަހުން 38 ޕަސެންޓް ވަނީ ވޯޓުގައި ހޯދާފާއެވެ. އަދި ރާހޫލް ގާނދީގެ މަގުބޫލުކަން ކުޑަވެ 2014 އަދި 2019 ގެ އިންތިހާބުގައި އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. އެގޮތުން 542 ގޮނޑި ހިމެނޭ މަޖިލީހުން ކޮންގްރެސް ޕާޓީއަށް ލިބިފައި ވަނީ 52 ގޮނޑިއެވެ. އަދި އެ މުއްދަތުގައި އެކިއެކި މަގާމުތަކަށް ހޮވިފައި ތިބި 399 ކެންޑިޑޭޓަކު ކޮންގްރެސް ޕާޓީ ދޫކޮށް އެހެން ޕާޓީތަކާ ގުޅިފައި ވާ ކަމަށާއި އެ މުއްދަތުގައި ބޭއްވި ސްޓޭޓް އިންތިހާބުގައި 49 ސްޓޭޓްގެ ތެރެއިން 39 ސްޓޭޓް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.