ދުނިޔެ

ޗައިނާއާ ދެކޮޅަށް އިންޑިއާއި އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ދެވަނަ އަށް އެންމެ ވަރުގަދަ އިގްތިސޯދު ކަމަށް ވާ ޗައިނާ އަކީ، އާބާދީގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާ އެންމެ ޖެހިލުންވާ ގައުމެކެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު ރިޕޯޓުގައި ވެސް އެކަން ފާހަގަ ކޮށްފައި ވާ އިރު، ޗައިނާ ބަލި ކުރުމަށްޓަކައި އިސްތިރާޖީ ގޮތުން އެމެރިކާއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by Sosun Fihaara

މި މަސައްކަތުގައި އެމެރިކާގެ ގާތް ބައިވެރިންގެ ގޮތުގައި ހުޅަނގާއި ދެކުނު އޭޝިއާއިން އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭ އިރު، އާޓިފިޝަލް އިންޓެލިޖަންސް އާއި، ސެމީކޮންޑަކްޓަރާއި އަސްކަރީ އާލާތްތައް ތަރައްގީ ކުރުމަށް އެމެރިކާއި އިންޑިއާ އިން އިއްޔެ އެއްބަސްވެއްޖެއެވެ. ދެގައުމު ގުޅިގެން ކުރިއަށް ގެންދިޔުމަށް އެއްބަސް ވެ ކުރާ މި މަސައްކަތުގައި ޓެކްނޮލޮޖީގެ ދާއިރާއަށް ބޭނުންވާ ސެމިކޮންޑަކްޓަރުތަކާއި އާޓިފިޝަލް އިންޓެލިޖަންސްގެ އިތުރުން އަސްކަރީ ސާމާނު އިންޑިއާގައި ތަރައްގީ ކުރާނެއެވެ. އޭގެ ދަށުން ޗައިނާގެ ވާވޭ ނެޓްވޯކް ދެކުނު އޭޝިއާއިން ދުއްވާލުމަށް ހުޅަނގުގެ ނެޓުވޯކްތައް ދެކުނު އޭޝިއާއަށް ލިބޭނެ ގޮތް ހަދައި ދިނުމާއި ކޮމްޕިއުޓާ ޗިޕް އުފެއްދުމުގައި އިންޑިއާގައި ތިބި ސްޕެޝަލިސްޓުން އެމެރިކާއަށް ގެންގޮސް އެމެރިކާގެ ކުންފުނިތަކާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދިނުން ވެސް ހިމެނެއެވެ.

ދެގައުމުން މި ކަމަށް އެއްބަސްވި ނަމަވެސް އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ އެހެން ގައުމުތަކަށް ގެންދިޔުން ނުވަތަ ޓްރާންސްފާ ކުރުމަށާއި އެފަދަ އުމްރާނީ މަސައްކަތްތަކުގެ ދާއިރާގެ މީހުންނަށް ރައްވެރިކަމުގެ ވިސާ ދިނުމުގައި އެމެރިކާގެ ގާނޫނުތަކުން ގޮންޖެހުންތައް ހުރެއެވެ. ނަމަވެސް މި އާ އެއްބަސް ވުމުގެ ސަބަބުން، ރަޝިއާގެ އަސްކަރީ ހަތިޔާރަށް އިންޑިއާއިން ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރެވޭނެ ކަމަށް މުރާސިލުން ބުނެއެވެ.

އިންޑިއާ އާއި އެމެރިކާ ގުޅިގެން އާ ރޭހަކަށް ނުކުންނަ އިރު، މިއީ ހުސްވި އަހަރުގެ މެއި މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބައްދަލުވުމަށް ފަހު ކުރިއަށް ދާން އިއުލާން ކޮށްފައި އޮތް ކަމެކެވެ.

އިންޑިއާވެސް އަދި އެމެރިކާ އާއި ހުޅަނގުން ގަބޫކުރާ ގޮތުގައި، ދުނިޔޭގެ އިގުތިސޯދަށް ޗައިނާ ވަދެގެންފައި އޮތް މިންވަރާއި، އަސްކަރީ އުކުޅުތަކާއި ބާރާއި އެކިއެކި އިންޑަސްޓްރީތަކުގެ ތެރެއަށް ޗައިނާ ވަދެފައި އޮތް މިންވަރަކީ މުސްތަގުބަލަށް އޮތް ބޮޑު ބިރެކެވެ. މީގެ އިތުރުން އިންޑޯ ޕެސިފިކްގައި ޗައިނާގެ ނުފޫޒާއި ބާރަކީ އަޅާ ނުލައި ދޫކޮށްލައިފި ނަމަ އަތުލެވޭ ވަރަށް ވުރެ ޗައިނާ ކުރިއަރާ ދާނެ ބާރެއް ކަމަށް އެގައުމުތަކުން ގަބޫލު ކުރެއެވެ.

ހަމައެއާއެކު އިންޑިއާއިން ރަޝިއާ އާ އެކު ބާއްވާ ގާތް ގުޅުމާއި، ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކާއި ރަޝިއާގެ ތެލަށް އިންޑިއާ ބަރޯސާ ވެފައި އޮންނަ އޮތުމަކީ އެމެރިކާއަށް ހިތްގައިމު ކަމަކަށް ނުވެއެވެ. އެހެން ކަމުން އެމެރިކާއިން ބޭނުން ވަނީ އިންޑިއާއަށް މަދަދު ވެރިވެ، ދުނިޔޭގެ ލިޑާޝިޕްގައި އިންޑިއާގެ ދައުރު ބޮޑުކޮށް ފުޅާ ކުރާށެވެ. އާބާދީގެ ގޮތުންނާއި، ވަސީލަތާއި އަގުގެ ގޮތުން، ޗައިނާ ނަގާފައި ދެން އެންމެ ފަސޭހައިން އަގުހެޔޮކޮށް ކަންކަން ކުރެވޭނީ އިންޑިއާ އަށެވެ. މީގެ އިތުރުން މާލީ އިދާރާތަކުން ވެސް މިހާރު އަންދާޒާ ކުރަނީ، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، ދުނިޔޭގެ 3 ވަނަ އިގުތިސޯދަކަށް ވާނީ އިންޑިއާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!