ހަސަންފުޅުބޭ ގެއްލުން: ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި!

އިއްޔެއިން ފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެރަށު ރިވެލި ހަސަން އަލީ (ހަސަންފުޅުބޭ) ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ކައިރި ރަށްރަށާއި ފަޅުތައް ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ވަގުތު ވަނީ ރަށާ ކައިރީގައިވާ ތިލަ ތަކާއި ފަޅު ރަށްތަށް ކައިރީގައި ފީނުމަށް ޓީމެއް ފުރާފައެވެ. އެގޮތުން މިޓީމުން ބެލުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މަތިވެރިން ދިއްނޮޅު ފިނޮޅާ ހަމައަށް 5.5 ކިލޯ މީޓާރުގެ ދުރުމިން، މަތިވެރިން - ވިހަމާފަރާއި ހަމައަށް 7.5 ކިލޯ މީޓަރު ދުރުމިން އަދި މަތިވެރިން މަޑޫގައްޔާ ހަމައަށް 10.5 ކިލޯ މީޓަރު ދުރުމިންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހަސަންފުޅުބޭ ހޯދުމަށް މަތިވެރީ ކައުންސިލުން އާއްމުކޮށްފައިވާ ފޭސްބްުކް ޕޯސްޓެއް
ހަސަންފުޅުބޭ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާއިރު ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކެއް ވަނީ ބަލައި ރަށުގައި ހުރި ފަޅު ގެތަށް ވަނީ ބަލާފައެވެ. މީގެ އިތުރުން ރަށުގެ ސަރަހައްދުތައް ވަލުތެރެ ހިމެނޭހެން ބަލާފައިވާ ކަމަށާއި މަތިވެރީ ފިނޮޅާއި، ފަޅުތެރެ ފީނައިގެންނާއި ޑްރޯން ބޭނުން ކޮށްގެން ބަލާފައިވާ ކަމަށް ވެސް މަތިވެރިން މައުލޫމާތު ދިން އެރަށުގެ ރައްޔިތަކު ބުންޏެވެ.
އަދި ކަނޑުގެ ސަރަހައްދު ދުރުމިީގެ އެހީގައި ބެލާފައިވާ ކަމަށާއި ކައިރީ ރަަށްރަށް ވެސް ކައުންސިލް މެދުވެރިކޮށް ބަލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހަސަންފުޅުބޭ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނާއި ރަށުގެ ކުދިބޮޑު ރައްޔިތުން އޭނާ ހޯދަމުން އަންނަ އިރު އޭނާ ގެއްލުމުގެ ކުރިން އޭނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި މީހުންނާއި ވާހަކަ ދެއްކުން މުޅިން ހުއްޓާލައި ކެއިން ބުއިމާއި ދުރުވެފައިވާކަމަށްވެސް އެރަށުން "ދެން" އާއި ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.