ދުނިޔެ

ޗައިނާގެ ޖާސޫސް ބެލޫން އެމެރިކާއިން ވައްޓާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ މަތިން ދަތުރުކުރަމުންދިޔަ ޗައިނާގެ ޖާސޫސީ ބެލޫން ނުވަތަ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ ބޮޑު ފުއްޕާހަން އެމެރިކާގެ އަސްކަރިއްޔާއިން ވައްޓައިލައިފިއެވެ. އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަންއިން ބުނީ، ޗައިނާގެ ޖާސޫސީ ފުއްޕާހަން ވައްޓައިލާފައި ވަނީ ދެކުނު ކޮރެލައިނާ ސްޓޭޓްގެ އައްސޭރިފަށުގެ ސަރަޙައްދަށް ކަމުގައެވެ.

Ads by Sosun Fihaara

ޖާސޫސީ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަދެ، އެމެރިކާގެ ރަށްތަކުގެ މަތިން ދަތުރުކުރަން ފެށުމާ އެކު އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ވެސް އޮތް ހީނަރުވެފައިވާ ގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރިއެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި، ޗައިނާއިން މި ފަދަ ޖާސޫސީ ފުއްޕާހަމެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފޮނުވުމަކީ، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ.

މި ކަމާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ވެސް ވަނީ ފަސްކޮށްފައެވެ. ފުއްޕާހަން ވައްޓައިލާފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާގެ އެފް-22 މަރުކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައެވެ. އޭތި ވެއްޓުނީ ދެކުނު ކޮރެލައިނާ ސްޓޭޓްގެ އައްސޭރިފަށުގެ ތިލަ ސަރަޙައްދަކަށް ކަމުގައި ޕެންޓަގަންއިން ބުނެއެވެ.

ޖާސޫސީ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަނުމާ އެކު ރައީސް ޖޯ ބައިޑަން ވަނީ އޭތި ވައްޓައިލަން އިރުޝާދު ދެއްވާފައެވެ. ނަމަވެސް، އެ ކަން ނުކޮށް ލަސްކޮށްފައި ވަނީ، ފުއްޕާހަމަށް ހަމަލާދިނުމުގެ ސަބަބުން އޭގެ ބައިތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެއްޓި، މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުތުޞަތު އޮތުމުންނެވެ.

އެންމެ ފުރަތަމަ ޗައިނާއިން ވަނީ އެ ފުއްޕާހަމަކީ އެ ޤައުމުގެ އެއްޗެއް ކަމަށް އެއްބަސްވާން ދެކޮޅު ހަދާފައެވެ. ނަމަވެސް، ފަހުން ވަނީ އެއީ ޗައިނާގެ އެއްޗެއް ކަމަށް އެއްބަސްވެފައެވެ. ނަމަވެސް، އެއީ ޖާސޫސީ ފުއްޕާހަމެއް ނޫން ކަމަށާއި، އޭގައި ޖާސޫސީ އާލާތްތައް ނުހުންނާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، އެ ފުއްޕާހަމަކީ މަދަނީ ބޭނުންތަކަށް ދިރާސާ ކުރަން ބޭނުންކުރާ އެއްޗެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

އަދި، ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް ފޮނުވާފައި ވަނީ ގަސްދުގައި ނޫން ކަމުގައި ބުނެ، އެ ކަމާ ހިތާމަކުރާ ކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ފުއްޕާހަން ފުރަތަމަ އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އެލެސްކާގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނީ ޖަނަވަރީ 28 ގައެވެ. އެއަށްފަހު، ކެނެޑާގެ ވައިގެ ސަރަޙައްދުގައި އުޅުމަށް ފަހު، އަނެއްކާ ވެސް އެމެރިކާގެ މޮންޓާނާގެ ވައިގެ ސަރަޙައްދަށް ވަނީ އެތެރެވެފައެވެ.

އެ ފުއްޕާހަމަކީ ޖާސޫސް ކުރުމުގެ ބޭނުމުގައި ޗައިނާއިން ފޮނުވާފައިވާ އެއްޗެއްކަން ކަށަވަރުވާ ކަމުގައި ޕެންޓެގަންގެ އޮފިޝަލަކު ވިދާޅުވިއެވެ. މޮންޓާނާއަކީ، އެހެން ބައްރުތަކުގައިވާ ޤައުމުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ސައިލޯތަކާއި ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައި ހުންނަ ސްޓޭޓެކެވެ. މީގެ އިތުރުން، އެ ޤައުމުގެ ދިފާޢީ ވުޒާރާއާއި އަސްކަރިއްޔާގެ މަރުކަޒުތައް ވެސް އެ ސްޓޭޓްގައި ހުރެއެވެ.

މީގެ ކުރިން ވެސް ޗައިނާއިން ވަނީ މި ފަދަ ޖާސޫސީ ފުއްޕާހަންތައް އެމެރިކާ ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް، މިއީ މި ފަދަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަދެ، ސްޓޭޓެއްގެ މަތިން ދަތުރުކުރާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި ވެސް ޗައިނާގެ މި ފަދަ ތިން ފުއްޕާހަމެއް އެމެރިކާ ކައިރިން ފެނިފައިވެއެވެ. އަދި، މިއީ މި ފަދަ ފުއްޕާހަމެއް ބައިޑަންގެ ދައުރުގައި އެމެރިކާ ކައިރިން ފެނުނު ދެވަނަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!